ފެން އުފައްދާ ނިޒާމެއް ކަނޑު އަޑީގައި ގާއިމް ކުރަން އެމްޑަބުލިޔޫއެސްސީން ނިންމައިފި
ދެންމެ | 18 އޯގަސްޓް 2024

މީރުފެން އުފައްދާ ނިޒާމެއް ކަނޑު އަޑީގައި ގާއިމުކުރުމަށް ދިރާސާ ފެށުމަށް ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ނޯވޭގެ ފްލޯޝަން ކުންފުންޏާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ، އެމްޑަބްލިޔުއެސްސީގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދެއެވެ. އަދި، ފްލޯޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލެގްޒަންޑާ ފުލެސަންގެވެ.

އެމްޑަބްލިއެސްސީން ބުނީ، މި ދިރާސާގައި ކަނޑު އަޑީގައި އާރްއޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ހޯދައި އެކަމަށް ބޭނުންވާ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން ފެންއުފެއްދުމާ ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، މި ދިރާސާގައި އެމްޑަބްލިޔުއެސްސީގެ މައިގަނޑު ދައުރަކަށްވާނީ މިކަމާ ގުޅުވައި މިހާރަށް ލިބެންހުރި މައޫލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުން ކަމަށެވެ. ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހީތެރިވުމާއި ރާއްޖޭގައި މި ދިރާސާ ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައިވެއެވެ.

މީގެއިތުރުން، އެމްޑަބްލިއުއެސްސީން ބުނީ މި ދިރާސާގެ އަލީގައި ކަނޑު އަޑީގައި ފެން އުފްއްދާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ ފެނުގެ ޑިމާންޑާއި އެއްވަރަށް ފެން އުފައްދާ، ރައްކާ ކުރެވޭ ނިޒާމުގެ ޤާބިލުކަން އިތުރުކުރެވޭނެ ކަމަށެވެ. އަދި، ދިރާސާގެ ތެރެއިން އައު އީޖާދީ ހޯދުންތައް ހޯދޭނެ ކަން ވެސް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ކަނޑު އަޑީގައި ގާއުމްކުރާ ނިޒާމުގެ ސަބަބުން، ސާފު ރައްކާތެރި ފެން އުފައްދާ ފޯރުކޮށްދޭން ދިމާވާ ޖާގައިގެ ދަތިކަމަށް ޙައްލު ލިބޭނެ ކަމަށާއި ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތައާއި އެކަމަށް ހޭދަކުރެވޭ ޚަރަދު ކުޑަކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އިތުރަށް އެކުންފުނިން ބުނީ މި ދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާ ބެހޭ ސިޔާސަތުތަކުގެ އިތުރުން އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިއާއެކު، ތިމާވެއްޓާ ރައްޓެހި ގޮތަށް ޤައުމީ ފެންވަރުގައި ރައްކާތެރި ބޯފެން އުފައްދާ ފޯރުކޮށްދެވި، އޭގެ އިޖުތިމާއީ އަދި އިގްތިސާދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދެވެނޭ ކަމަށާއި ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށް މި ނިޒާމު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބުނެފައިވެއެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ މެދުކެނޑުމެއްނެތި ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުންކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!