ތިން ލައްކަ ފޭރިގަތުމުން 1 އަހަރުގެ ޖަލް ހުކުމް ކޮށްފި
ދެންމެ | 18 އޯގަސްޓް 2024

މާލޭގެ އެޕާޓްމެންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ، ތިން މީހެއްގެ އަތުން ބޮޑެތި އަދަދުން އެޑްވާންސް ފައިސާ ނަގައި، މަކަރުހެދި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި އުފުލި ދައުވާގައި ވަނީ 2015ވަނަ އަހަރުގެ ފަހުކޮޅު، ކ. މާލެ، މއ. ބުލާޝަމްގޭ އަބްދުﷲ ހުޝާމް، އެ ގޭގެ ދެވަނަ ފަންގިފިލާގެ ދެވަނަ އެޕާޓްމެންޓް، ހަތް އަހަރު ދުވަހަށް 200،000 ރުފިޔާއަށް ކުއްޔަށް ދިނުމަށް ޓަކައި، އެޑްވާންސް ފައިސާގެ ގޮތުގައި 100،000 ރުފިޔާ ހޯދުމަށްފަހު އެޕާޓްމެންޓް ހަވާލުކޮށްފައި ނުވާ ކަމަށެވެ.

އޭގެ 10 ދުވަސް ފަހުން އިތުރު މީހަކަށް ހަމަ އެ އެޕާޓްމެންޓް 350،000 ރުފިޔާއަށް ހަތް އަހަރުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް އެއްބަސްވެ، އެޑްވާންސްގެ ގޮތުގައި 150،000 ރުފިޔާ ނަގައި، އިތުރު މީހަކު ވެސް އެ މަޅީގައި ޖައްސައިގެން އެޑްވާންސްގެ ގޮތުގައި 100،000 ރުފިޔާއަށްވާ 6،485 ޔޫއެސް ޑޮލަރު ޓަކައިގަނެފައިވާ ކަމަށް މައްސަލައިގައިވެއެވެ.

ހުޝާމްގެ އެޕާޓްމެންޓު ތިން މީހަކަށް ކުއްޔަށް ދިނުމަށް އެއްބަސްވެ، އެޑްވާންސްގެ ގޮތުގައި ޖުމްލަ 350،000 ރުފިޔާ ނެގުމުން، މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެކުމުގެ ދައުވާއެވެ.

އެއީ ޓެކުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށް ޝަރީއަތުގައި ބުނެ، ހުޝާމްވަނީ އޭނާގެ މައްޗަށް އުފުލި ދައުވާއަށް އިންކާރުކޮށްފައެވެ. އެހެން ނަމަވެސް ދިފާއުގައި އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

އެޕާޓްމެންޓްގެ މި މައްސަލައިގައި އެޑްވާންސަށް ފައިސާދިން ތިން މީހުން ވެސް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދިނެވެ.

ހުޝާމްކޮށްފައިވާ ކުށަކީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމުން، އެ ކުށަށް ކަނޑައަޅާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބެކެވެ. އެހެން ނަމަވެސް އޭނާއަކީ އާއިލީ ޒިންމާތަކެއް އަދާކުރާ މީހަކަށްވާތީއާއި، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ފައިސާ ދީފައިވާ މީހެއް ކަމަށްވާތީ، ޖޫރިމަނާ އަދަބެއް ކަނޑައަޅައިދިނުމަށް އޭނާވަނީ ޝަރީއަތުގައި އެދިފައެވެ.

މި މައްސަލައިގައި ހުޝާމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި 115،200 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެ ފައިސާ ދައްކައި ޚަލާސް ކުރުމަށެވެ.

މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުން ރާއްޖޭގައި އޮތީ ވަރަށް އާންމުވެފައެވެ. އެ ގޮތުން އޮންލައިންކޮށް، އަދި އެކިއެކި އެއްބަސްވުންތަކުގެ މުއާމަލާތްތަކުގައި ވެސް އޮޅުވާލައިގެން ފައިސާ ހޯދައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!