ޙަސަން ލަތީފް ރަން ބޭލި އަމީރަށް: ބާކީ އޮތީ 3 މަސް
ދެންމެ | 03 ޖޫން 2023

ފިކުރެއްގެ ދިރުން ހަރަކާތުން އުފައްދާ ”ދަ ޑިމޮކްރެޓްސް“ ޕާޓީ އުފެއްދުމަށް ހުށަހެޅި ފޯމުގެ އަދަދު މަދުވެގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ފާޑުވިދާޅުވުމާ ގުޅިގެން އޭނާއަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ރައްދުދެއްވައިފިއެވެ.

ފާއިތުވި ބުރާސްފަތިދުވަހު ފިކުރެއްގެ ދިރުމުންވަނީ އައު ޕާޓީ އުފެއްދުމަށް 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި ފެއްޓެވި ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީން ހުށަހެޅި މެމްބާޝިޕު ފޯމުގެ އަދަދު މަދުވެގެން އެމްޑީޕީގެ ބައެއް ވެރިންވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަލާމާތްކުރައްވާފައެވެ.

އެގޮތުން އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއާއެކު ނަޝީދު ނިކުމެވަޑައިގަތުމުން ފުރަތަމަ ބުރުންވެސް އެމަނިކުފާނަށް 95،000 ވޯޓު ލިބިވަޑައިގަންނަވާކަމަށް ތާރީޚު ހެކިދޭ ކަމަށެވެ. ނަމަވެސް ވަކިން ނިކުމެވަޑައިގަތުމުން އެ އަދަދު ތިންހާސް ފަސްސަތޭކައަށް ތިރިވެއްޖަކަމީ ފެންނަން އޮތް ޙަޤީޤަތެއް ކަމަށެވެ.

އަމީރުގެ މި ވާހަކަފުޅާ ގުޅިގެން ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމީރު ޖައްސަވާ އެފަދަ ”ލޮޖިކް“ ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހިސާބުޖަހައިދިނީމައި ޤައުމު ވެއްޓިފައި އޮތް ގޮތް މިހާރު މިއޮތޯ ސާފުކޮށް ފެންނަން ކަމަށެވެ.

ސަރުކާރުގެ މަޝްރޫޢުތައް ހިންގާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދޭ މައްސަލަ ބޮޑުވެފައިވާކަން ފާހަގަކުރައްވައި ޙަސަން ވިދާޅުވީ ”[އަމީރު] ތިޔަ އިންނަވަނީ ރައްޔިތުން ލައްވައި ސަރުކާރުން މަސައްކަތްކުރުވާފައި ފައިސާ ނުދީ،“ ކަމަށެވެ.

އަދި އެ ފައިސާ ނުލިބުމުގެ ސަބަބުން އެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް އިޝާރާތްކުރައްވައި ޙަސަން ވިދާޅުވީ އެ ރައްޔިތުން މިހާރު ދަރައި ނިމެނީ ކަމަށެވެ. އަދި އަމީރަށް ދެން ބާކީ އޮތީ 3 މަސްކަމަށް ޙަސަން ވިދާޅުވިއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!