އެއްވެސް މީހެއްގެ ހިތުގަ ނުޖައްސުވާތި!
ދެންމެ | 19 އޯގަސްޓް 2024

ބައިވެރިޔާގެ ކިބައިން ނުވަތަ ޢާއިލާގެ ފަރާތުން އަނިޔާ ލިބެމުން ގޮސް، ގޮތް ހުސްވުމުން މާޔޫސްވެފައި ތިބޭ އަންހެނުންނާއި ދިމާއަށް އެމީހުންނަކީ އީމާންތެރިކަން ކުޑަ ބައެއް ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. އީމާންކަން ކިތަންމެ ބޮޑަސް ހިތަށް އަސަރުކުރާނެއެވެ. ހިތްދަތިވާނެއެވެ. ހިތާމަވެސް ކުރާނެއެވެ.

ޔޫސުފްގެފާނު ގެއްލިވަޑައިގަތުމުން ހިތާމަފުޅުކުރައްވަމުން ވަޑައިގަތުމުގެ ސަބަބުން (ކީރިތިކުރެއްވެވި ވަރުން) ޔައްޤޫބްގެފާނުގެ ދެލޯފުޅު އަނދިރި ނުވޭހެއްޔެވެ؟ އީމާންތެރިކަން އެންމެ ވަރުގަދަ އިންސާނާ، އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމަ ހިތާމަފުޅުކުރައްވަވާކަން ﷲ ތަޢާލާގެ ޙަޟްރަތަށް އެނގިވޮޑިގެންވާ ވާހަކަ ކީރިތި ޤުރްއާނުގައި ނެތީ ހެއްޔެވެ؟

މާޔޫސްކަމުގައި ތިބޭ މީހުންނާއި ދިމާއަށް އެމީހުންގެ އީމާންކަން ކުޑައީކަމަށް ބުނެފިނަމަ އެމީހުން މާބޮޑަށް މާޔޫސްވާނެއެވެ. ހިތަށް މާބޮޑަށް އަސަރުކުރާނެއެވެ. ވީމާ ބުނެވޭ އެފަދަ ބަސްތައް ވާނީ އެމީހުންގެ ހިތްތައް ކަތިލަން ކުރެވޭ ކަމަށެވެ.

ވީމާ އެފަދަ ޙާލުގައި މީހަކު ހުރިކަން އެނގޭނަމަ އެމީހަކަށް ހިތްވަރުދޭށެވެ. ބުނާށެވެ. ”ތިބާއަށް ކުރިމަތިވެފައިވަނީ ވަރަށް ބޮޑު ކަމެކެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ބޮޑު އެއްވެސް ކަމެއް ނުވެއެވެ. ވީހާ ގިނައިން އަޅުކަންކުރާށެވެ! ދުޢާކުރާށެވެ! ޚާއްޞަކޮށް ރޭއަޅުކަންކުރާށެވެ! ރޭއަޅުކަމަށްފަހު ޛިކުރުކޮށް ދުޢާކުރާށެވެ! ދާދި އަވަހަށް ތިބާއަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވައި އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ“

ހިތްދަތި ޙާލުގައި ހުރި މީހަކަށް ހިތްވަރުދީ އޭނާގެ ޙާލަތު ބަދަލުކުރުވަން މަސައްކަތްކުރުމަކީ ބަލިޙާލުގައި އޮވެ މަރުވަމުންދާ މީހެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރުން ފަދަ ކަމެކެވެ. މާނައަކީ އެހައިވެސް މަތިވެރި ހެޔޮ ޢަމަލެއް ކަމެވެ.

އެއްވެސް މީހެއްގެ ހިތުގަ ނުޖައްސުވާށެވެ! އެއީ ދުނިޔޭގައިވެސް ކަރުނައަޅަންޖެހި އާޚިރަތް ދުވަހު ޢާޛާބާއިވެސް ކުރިމަތިނުލާ ސަލާމަތެއް ނުވެވޭނެ ކަމެކެވެ. ބަދަލުދޭންޖެހި ނަރަކައަށްވެސް ވަންނަން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!