ދިވެހިންގެ ކޮންމެ 5 މީހަކުން 4 މީހުން ފޯއް އަނގަޔަށްލާ: އެޗްޕީއޭ
ދެންމެ | 21 އޯގަސްޓް 2024

ރާއްޖޭގެ އާބާދީގެ ކޮންމެ 5 މީހަކުން 4 މީހުންނަކީ ދުފާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނެފައިވަނީ ދިވެހިން ޢާއްމުކޮށް ދުފުމަށް ބޭނުންކުރާ ބައެއް ތަކެތީގެ ސަބަބުން އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށެވެ. އެހެންކަމުން މިހާރު ބޭނުންކުރާ ބައެއް ތަކެތި ދޫކޮށްލުމަށްފަހު ކަރަންފުލާއި ފޮނިތޮއްޓާއި ކާފޫރުތޮޅިފަދަ ތަކެތި ބޭނުންކޮށްގެން ދުފުމަށް އާދަކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން މިފަދަ އިލްތިމާސެއް ކޮށްފައިވާއިރު ބިދޭސީން ހިންގާ ބައެއް ސައިހޮޓާ ކެފޭ ފަދަ ތަންތަނުގައި ބިލެތްހުނީގެ ބަދަލުގައި ކޯނިސްޕައުޑަރ ދޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެމައްސަލަ ބަލަމުންދާކަމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ދުފުމަކީ ކެންސަރުޖެހުމަށް މަގުފަހިކޮށްދޭ ކަމެއްކަމަށް އެޗްޕީއޭ އިން ބުނެފައިވާއިރު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާބާދީގެ ނިސްބަތުން އަނގައިގެ ކެންސަރު އެންމެ ގިނަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.

އަނގައިގެ ކެންސަރު ރާއްޖޭގައި ގިނަވެފައިވަނީ ދުންފަތްލައިގެން ދުފާމީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އާދަޔާ ޚިލާފަށް އިތުރުވުމުން ކަމަށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން މަޢުލޫމާތުދެއެވެ.

އަނގައިގެ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި އަނގައިގައި ފާރުކޮޅެއް އުފެދި ފަސޭހަނުވެ ލަސްވުމާއި އެފާރުކޮޅުން ފަސޭހައިން ލޭއައުމާއި އަނގައިގެ އެތެރޭގައި ހުދު އަދި ރަތް ކުލައިގެ ތަންތަން ގަނޑު އުފެދެން ފެށުމުގެ އިތުރުން ޒަޚަމަކާއި ނުލައި އަނގައިގެ އެތެރެއިން ލޭއައުން އަދި މޫނުއި އަނގައާއި ކަރު އައްސިވުން ނުވަތަ އިހުސާސްކެނޑުން އަދި މަޑުވެފައި ތަދުވުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!