ޑިވެލޮޕްމަންޓް ބޭންކުން ދުނިޔެ ސިހުން ގެނުވާނެ އިގްތިސާދީ ހަބަކަށް ރާއްޖެ ހަދާނެ: ރައީސް
ދެންމެ | 26 އޯގަސްޓް 2024
ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ވާނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާއި، ރިއަލް އެސްޓޭޓާއި، ހައުސިން މާކެޓުގެ އިތުރުން އެހެނިހެން ދާއިރާތަކުން ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ހަބަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ރާއްޖޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އަދި ސީއީއޯ ކަމަށް އައްޔަނުކުރާ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަޑައިގަތުމުގެ ކުރިން މިއަދު ހެނދުނު ސޯޝަލް މީޑިއާއަށް ދޫކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

އެ ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގަ ފުރަތަމަ ފަހަރަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކު ފެއްޓުމަކީ ވަރަށް ތާރީޚީ ކަމެއް ކަމަށެވެ. އަދި މި ބޭންކު ގާއިމުކުރުމުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިގްތިސޯދު ފުޅާކޮށް، ޑައިވާސިފައިކޮށް، ކުރިއަށް ގެންދިޔުން ކަމަށެވެ.

އިރާދަކުރެއްވިއްޔާ ބޭންކު ގާއިމުކުރެވި، ދުނިޔޭގެ އެކި ތަންތަނުގައި ވަރަށް ތަޖުރިބާކާރު ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭފުޅެއް ސީއީއޯއަކަށް ވެސް ހަމަޖެހިފަ ހުރީ، ޗެއާމަނަކަށް ވެސް ހަމަޖެހިފަ މިވަނީ، އަޅުގަނޑު އެބޭފުޅުންނާ ބައްދަލުކޮށްލަން މިދަނީ،ރައީސް ޑރ. މުހައްމަދު މުއިއްޒު

އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޑިވެލޮޕްމަންޓް ބޭންކު ރާއްޖޭގައި ގާއިމްކުރެވި، އެ މަސައްކަތް ފަށައިގަނެވުމާއެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާއި، ރިނިއުބަލް އެނާޖީގެ ދާއިރާއިންނާއި އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓުކުރާނެ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ.

އަދި މި ބޭންކު ވެގެންދާނީ ރިއަލް އެސްޓޭޓާއި ހައުސިން މާކެޓަށް ވެސް އިންވެސްޓުކުރެވޭނެ ހަބަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފައްދާފައި ވަނީ މޭ މަހުގެ 16ވަނަ ދުވަހެވެ.

މިމަހުގެ 21 ވަނަ ދުވަހު ވަނީ ޑިވެލްޕްމަންޓް ބޭންކަށް ތިން މެމްބަރުން އައްޔަން ކުރައްވައިފައެވެ. އެއީ

  • އަހުމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓް
  • ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު، ސިންގަޕޫރު
  • ރޮބާޓް ޑެނިއެލް ކާންޓް، ޔުނައިޓެޑް ކިންގްޑަމް

ރައީސް އޮފީހުން ބުނީ މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދާނެ ކުންފުންޏެއް ކަމަށެވެ.

އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ކަމަށެވެ.

ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރު ކޮށްދޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!