މި އަހަރުގެ ނިޔަލަށް، ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމެންޓް ހިމަނައިގެން ރަސްމީ ރިޒާވު 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަންދާޒާކޮށްފި އެވެ.
އެމްއެމްއޭ ގެ މިފަދަ އަންދާޒާ އެއް މި އައީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން ދެ ވަނަ ފަހަރަށް މިއަދު ދަށްކުރުމާއި ގުޅިގެން ނެވެ.
އިތުރަށް ކިޔާލަން: ފިޗް އިން ރާއްޖޭގެ ރޭޓިން ދެ ވަނަ ފަހަރަށް ދަށްކޮށްފި
ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން ފިޗު ރޭޓިންސް އިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން އެމްއެމްއޭއިން ވިދާޅުވީ، އްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކަށް ރިއާޔަތްކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. މިގޮތުން، ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުންދާތީ ރާއްޖޭގެ އިގްތިސާދު ދާނީ ކުރިއަށްކަމަށް އެމްއެމްއޭއިން ބުންޏެވެ.
މަރުކަޒީ ބޭންކުން ބުނީ ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ގްރީން ބޮންޑުގެ އިތުރުން އިންޑިއާގެ މަރުކަޒީ ބޭންކް އާރްބީއައި މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
އެ ބަޔާނުގައިވާ ގޮތުން ބޭރު ފައިސާގެ ބާޒާރުގައި އެކްސްޗޭންޖް ރޭޓު ދެމެހެއްޓުމަށްޓަކާ ދިމާވެފައިވާ މައިގަނޑު ގޮންޖެހުމަކީ ކޮވިޑް-19 އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖުރުމަށް ޓަކައި ފައިސާ ޗާޕުކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވުމެވެ.
އެމްއެމްއޭއިން ވަނީ، މި ސަރުކާރުން މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅު ވާނެ ކަމަށް އަންދާޒާކޮށްފައެވެ. އަދި މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާއި ސަރުކާރުން ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.
”މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ“ ”ފިޗް“އިން ރާއްޖެއަށް ދީފައިވާ ރޭޓިންގ ”ސީސީސީ“ އިން ”ސީސީ“ ގްރޭޑިންގއަށް ބަދަލުކުރުމާއި ގުޅިގެން ނެރުނު ބަޔާނުގައިވެ އެވެ.
އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ މިދިޔަ އަހަރަށް ވުރެ 11 ޕަސެންޓަށް ކުރިއަށް އަރާނެ ކަމަށާއި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ބެޑް ނައިޓްސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް ޕަސެންޓު އިތުރުވެފައި ކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން 4.9 ޕަސެންޓަށް ކުރިއަރާނެ ކަަމަށް އެމްއެމްއޭއިން ބުންޏެވެ.
މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމްއެމްއޭން ބުންޏެވެ.
ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.
ދަރަނި އިންތިހާއަށް ބޮޑުވެފައިވާ އިރު 2026 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު 117 ޕަސެންޓަށް އަރާނެ ކަމަށް ވެސް ފިޗުގެ ރޭޓިން ކޮމެންޓްރީގައި ލަފާކޮށްފައިވެ އެވެ.
”ފިޗް ރޭޓިންގްސް“އަކީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭންކިން އެޖެންސީގެ ތެރެއިން އެއް އެޖެންސީއެވެ. ފިޗުން އެންމެ ފުރަތަމަ ރާއްޖެއަށް ކްރެޑިޓް ރޭޓިންއެއް ދިނީ 2016 ވަނަ އަހަރެވެ.
ކްރެޑިޓް ރޭޓިންއަކީ އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރެވޭ އިންޑިކޭޓަރެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިންއެއް މުހިއްމުވަނީ މި ސަބަބާހުރެއެވެ.
ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ.