މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ”ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް“ ބްރިޖަކީ ރާއްޖެ އާއި ޗައިނާގެ ބަދަހި ގުޅުމާއި އިތުބާރު ދައްކުވައިދޭ ވަރުގަދަ ރަމްޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ބްރިޖު ހުޅުވިތާ ހަ އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔައިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ރައީސް މުއިއްޒު ވިދާޅުވީ ބްރިޖަކީ ހަމައެކަނި ރަށްތައް ގުޅުވައިދިން މަޝްރޫއުއެއް ނޫން ކަމަށާއި އެ މަޝްރޫއުއަކީ ރާއްޖެ އާއި ޗައިނާގެ ގުޅުމާއި އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
”ބްރިޖުން ދެ ގައުމުގެ ވިސްނުމާއި ކުރިއެރުމާއި ތަރައްގީ އަދި އެއްބައިވަންތަކަން ރަމްޒުކޮށްދޭ. އުއްމީދަކީ ކުރިއަށް އޮތް ޖީލުތަކުގައި ވެސް މި ގުޅުން ދަމަހައްޓާ ރަމްޒެއްގެ ގޮތުގައި ބްރިޖު އޮތުން،“ ރައީސް ވިދާޅުވި އެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާން ލިޖިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބްރިޖުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ފައިދާވެ އަދި އިޖުތިމާއީ ގޮތުން ވެސް މަންފާތައް ލިބެމުން އަންނަ ކަމަށެވެ.
މިއީ ޗައިނާގެ ބެލްޓް އެންޑް ރޯޑްގެ އިނިޝިއޭޓިވްގެ ސަބަބުން އަދި ޗައިނާއާ އެކު ގާތް ގުޅުމުގެ ސަބަބުން ދިވެހިންނަށް ލިބުނު ކުރިއެރުމެއް ކަން ސަފީރު ފާހަގަކުރެއްވި އެވެ. މިފަދަ އިތުރު މަޝްރޫއުތައް ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުން ކުރިއަށް ގެންދަން އުއްމީދު ކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ.
ބްރިޖު މަޝްރޫއުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ. ބްރިޖު ހުޅުވުމާ އެކު މާލެ އާއި ހުޅުމާލެ ދެމެދު ދަތުރުފަތުރު ފަސޭހަވެ، ހުޅުމާލޭގެ ތަރައްގީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ.