އަމިއްލަ ދަތުރަކަށް ދައުލަތުން ހަރަދެއް ނުކުރަން: ރައީސް
ދެންމެ | 31 އޯގަސްޓް 2024

އަމިއްލަފުޅު ބޭނުމަށް ކުރައްވާ އެއްވެސް ދަތުރުފުޅަކަށް ދައުލަތުން މިހާތަނަށް ޚަރަދު ކުރައްވާފައި ނުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަމިއްލަފުޅު ދަތުރުތަކަށް ޚަރަދު ކުރައްވަނީ ކޮންގޮތަކަށްތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ރައީސް ވިދާޅުވީ، މުލީއާގޭގެ އުސޫލުތައް ހެދިފައި ހުންނަގޮތުން ބޭސްފަރުވާފަދަ އަމިއްލަ ބައެއް ކަންކަމަށް ކުރާ ދަތުރުތަކަށް ޚަރަދު ކުރެވެން އޮންނަ ކަމަށެވެ.

ނަމަވެސް، މިހާތަނަށް އެމަނިކުފާނު އަދި އަނބިކަނބަލުންނާއި އެމަނިކުފާނުގެ ބޭފުޅުންގެ ބޭނުމަކު ވެސް ރާއްޖޭން ބޭރަށް ކުރައްވާ ދަތުރުތައް ކުރައްވާފައިވާނީ އަމިއްލަފުޅު ޚަރަދުގައި ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުސޫލުތަކުގެ ތެރެއިން އެކަން ކުރެވެން އޮތްނަމަވެސް އަމިއްލަ ބޭނުންތަކަށް ސަރުކާރުން ޚަރަދު ކުރަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ.

ރައީސް ވިދާޅުވީ، މުލިއާގޭގެ މަރާމާތު ނިމެންދެން އަމިއްލަފުޅު ގެކޮޅު، ދިމްޔާތުގައި ހުންނެވި ދުވަސްތަކުގައި ވެސް ހުރިހާ ޚަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށާއި އެ ކަންކަމަށް ފަހުން ބިލު ހުށަހަޅުއްވައިގެން ފައިސާ ހޯދިކަމަށް އަޑު ފެތުރިނަމަވެސް އެއިން އެއްވެސް ކަމެއް ކުރައްވާފައި ނުވާނޭކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ހަފްތާގައި އެމަނިކުފާނުގެ ސިއްހީ މައްސަލައެއްގައި ޗެކަޕެއް ހެއްދެވުމަށް ސިންގަޕޫރަށް ވަޑައިގެންނެވުމުން އެއީ ދައުލަތުގެ ފައިސާއިން ކުރާ ބޭކާރު ޚަރަދެއްކަމަށް ބުނެ މީސްމީޑިއާގައި އަޑުފަތުރާފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!