ރައީސް ޑރ. މުއިއްޒު ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމު ކުރައްވާނެ: ޣައްސާން
ދެންމެ | 06 ސެޕްޓެމްބަރ 2024

ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމުކޮށްދެއްވުމަށް ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހާ ގުޅިގެން ނެރުއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރ ޣައްސާން ވިދާޅުވި ގޮތުގައި، ޤައުމީ ދުވަހަކީ ދުނިޔޭގެ ޗާޓުގައި ދިވެހިންގެ ހިތްވަރާއި ފަންވަރު، އަދި އަސްކަރީ ގޮތުން މީސްކޮޅު މަދަސް ކުޅަދާނަ ބައެއްކަން ގާއިމުކުރެވުނު ދުވަހެވެ. އަދި މިއީ ޕޯޗުގީޒުންގެ އިސްތިޢުމާރުން މި ޤައުމު ސަލާމަތްކޮށްދެއްވި ދުވަސްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގައްސާން ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ މި ފަހުރު އަލުން ރާއްޖެއަށް ގެނެސްދެއްވައި، ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމު ކުރެއްވުމަށްކަމަށެވެ. ދިވެހިންންނަކީ ދުނިޔޭގައި ފާހަގަކުރެވޭ ބައެއްކަމާއި، މުޅި ދުނިޔެއަށް އެކަން ދައްކަވައި ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ގައްސާން ވަނީ ވިދާޅުވެފައެވެ.

”ރައީސް މަސައްކަތް ކުރައްވަނީ މި ފަހުރު އަލުން ރާއްޖެއަށް ގެނެސްދެއްވައި، ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމު ކުރެއްވުމަށްކަމަށް، ދިވެހިންންނަކީ ދުނިޔޭގައި ފާހަގަކުރެވޭ ބައެއް، މުޅި ދުނިޔެއަށް އެކަން ދައްކަވައި ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް“

ވަޒީރު ޣައްސާން ވިދާޅުވިއެވެ.

 

ޣައްސާން މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، ދަރުބާރުގޭގައި ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި ސަލާމަތްވެގަންނަ ބަޔަކު އުޅޭ ޤައުމެއްކަމަށެވެ. އަދި ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުންކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރައްވާފައިވަނީ ވެސް މި އަސާސުގެ މައްޗަށްކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ބޭރުގެ ސިފައިން މިހާރު ގާއިމުވެފައި ނެތުމުގެ ސަބަބަކީ ވެސް އެއީ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމާއި، ދިވެހި ޤައުމިއްޔަތުގެ ޚާއްޞަ ނިޒާމެއް ތަޢާރަފުކޮށް، މި ދާއިރާއިން ތަޢުލީމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދަވަނީ ވެސް މި މަޤްޞަދުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން އެމަނިކުފާނު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން ސިފައިންގެ ޚިދުމަތަށް ”އެއަރ ކޯ“ ތައާރަފު ކުރައްވާފައެވެ.

މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!