ރާއްޖެ ޑޮލަރުން ބަރާ ކުރަން، ބަންކަރިންގެ ޚިދުމަތުގެ ފުރަތަމަ ބޯޓު🚢 ރާއްޖެ ބަދަރު ކޮށްފި
ދެންމެ | 09 ސެޕްޓެމްބަރ 2024

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއިން ގެނައި ފުރަތަމަ ބޯޓު ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފިއެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމަށް ރާއްޖެއަށް ގެންނަނީ 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދެވެ. މީގެތެރެއިން ފުރަތަމަ ބޯޓު މިހާރު ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފައިވާއިރު، ދެވަނަ ބޯޓުވެސް ރާއްޖެއަށް ވަރަށް އަވަހަށް އަންނާނެ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. ބަންކަރިންގެ ޚިދުމަތް އެންމެ ފުރަތަމަ ފަށަނީ އިހަވަންދިއްޕޮޅުގައެވެ.

ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ބޯޓު ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަޙައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެ ނަމަ ބޯޓު ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެކެވެ.

ދުނިޔޭގެ މެޕުގައި ރާއްޖެ އޮންނަ ސަރަޙައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިއްޖެނަމަ މިއީ އިޤްތިޞާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެއެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.

ސަރުކާރުގެ އަމާޒަކީ ކައިރި މުސްތަޤުބަލެއްގައި ބިން ހިއްކައިގެން އެބިމުގައި ތާނގީ ޤާއިމްކޮށް އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މިއާއެކުވެސް މި ސިނާޢަތް އިތުރަށް ފުޅާވެ ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ. އަދި ވާދަވެރި މާހައުލެއްގައި ރާއްޖެ މި ސިނާޢަތުގައި ފައި ހަމަކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!