ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަކީ އެވަރުގެ އެސެޓެއް ނޫން ކަމަށާއި އެއީ އަގެއް ނެތް މީހެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރައްވައިފިއެވެ.
ޔާމީން ވިދާޅުވީ، މުއިއްޒު ސަރުކާރުގެ ދެބައިކުޅަ އެއްބައި އަބްދުއްރަހީމަށް ވެދުމަށް އަރުވާފައިވާކަމަށާއި، އެކަން ކުރެއްވީ ޑރ. މުއިއްޒުގެ ނުކުޅެދުންތެރި ކަމުގެ ސަބަބުން ކަމަށެވެ.
”ޑިޕްރިޝިއޭޓް ކުރާނެ ގޮތެއްވެސް އަޅުގަނޑަކަށް ނޭގޭ، އެއީ އޯލްރެޑީ ލޮސްޓް ކޭސް އެއް،“ ކަމަށް ޔާމީން ވިދާޅުވިއެވެ.
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއަރޕާސަންގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމަކީ ރައީސް ޔާމީން ވިދާޅުވިގޮތުން އިޚްލާސްތެރި ކަމާއެކީ އެއްވެސް ސިޔާސީ ވެރިއެއްގެ ފަހަތުގައި ހުންނެވި ބޭފުޅެއް ނޫނެވެ.
އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ހޯމަ ދުވަހުގެ ރޭ ޖަލްސާގައި ޔާމީން ވިދާޅުވީ، 2013 ގެ ރިޔާސީ އިންތިޚާބުގައި އަބްދުއްރަހީމް ހުންނެވީ ގާސިމް އިބްރާހިމް އާ އެކުގައި ކަމަށެވެ.
2013 ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަރަށް ބޮޑު ތަފާތަކުން ކުރީގައި އޮންނެވި ކަމަށާއި، ދެވަނަ އަށް އެމަނިކުފާނު ކަމަށާއި ދެން ގާސިމް ކަމަށާއި ހަތަރު ވަނަ އަށް ރައީސް ވަހީދު ކަމަށް ޔާމީން ވިދާޅުވިއެވެ.
ފުރަތަމަ ބުރުގެ ނަތީޖާ އައި ގޮތުން ”ތިމަންނަ އޭރުވެސް ބުނީމޭ، އަހަރެމެންގެ އަތުގަ ފައިސާ އެއް ނެތޭ މިއަށްވުރެ މާ ރަނގަޅު ވާނޭ، ދެން އަޅުގަނޑަށް ކޮންމެސް ނަމެއް ކިޔާފަ ގާސިމް އަށް ތާއީދު ކޮށް މިކަން ނިންމި ނަމަ، ގާސިމް އޭ މި ވޯޓު ހޯދާނި،“ ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގާތުގައި އަބްދުއްރަހީމް ދެއްކެވި ކަމަށް ޔާމީން ވިދާޅުވިއެވެ.
އަބްދުއްރަހީމަށް އެކަން ދޮގު ނުކުރެވޭނެ ކަމަށާއި އެކަން އެމަނިކުފާނާ ހަމައަށް އައީ ދޮގު ނުކުރެވޭ ވަރުގެ މީހެއްގެ ފަރާތުން ކަމަށެވެ.
ޔާމީން ފާހަގަ ކުރެއްވި ގޮތުގައި އަބްދުއްރަހީމް އޭރު ޕީޕީއެމް ގެ ތެރޭގައި ހުންނަވައިގެން މަސައްކަތް ކުރެއްވީ ރައީސް ޔާމީން އާ އެކީގައި ނޫން ކަމަށެވެ.
ޔާމީން ވިދާޅުވީ ”ގަބުރު ކޮނެގެން ކަށިނަގާ ހިސާބަށް“ ދިޔައިމާ ހަގީގަތްތައް އެނގެންވާނެ ކަމަށެވެ.
ރައީސް ޔާމީން އަބްދުއްރަހީމަށް ފާޑުވިދާޅުވަމުން ވިދާޅުވީ، ޒުވާނުންގެ ތާއީދު ރައީސް ޔާމީނަށް ހޯދަން ޒުވާނުންނާ އެކީ އަބްދުއްރަހީމަށް އިންނެވޭނެ ކޮފީ މޭޒެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.