އާއްމްކޮށް އޮރިޔާން ލީކް ވަނީ ސްނެޕްޗެޓުން: ފުލުހުން
ދެންމެ | 12 ސެޕްޓެމްބަރ 2024

ކުޑަކުދިންނާއި ބޮޑެތިމީހުންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯ ތަކާއި ވީޑިއޯތައް ލީކުވެ، އެކުދިންނާއި މީހުން ”ވިކްޓިމައިޒް“ ވަނީ، ސްނެޕްޗެޓް ފަދަ މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެފަދަ ފޮޓޯތައް އެނގިގެންނާއި، އޮޅިގެން ނަމަވެސް މީހުންނަށް ފޮނުވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.

ބަރަހަނާ މަންޒަރުތައް ހިމެނޭ ވީޑިއޯތަކާއި ފޮޓޯތައް ވިއްކަމުންދިޔަ 571 ޓެލެގްރާމް ޗެނަލް ސީޒްކޮށް އެ ޗެނަލްތައް ހިންގަމުންދިޔަ މީހުން ހައްޔަރު ކުރިކަން ފުލުހުން ހާމަކުރީ މިމަހު 9 ވަނަ ދުވަހުއެވެ.

އެގޮތުން އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް (29އ)

މި މައްސަލާގައި އިތުރު މައުލޫމާތު ދިނުމަށް މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް އިންވެސްޓިގޭޝަންސް، އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، މީހުންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯ ތަކާއި ވީޑިއޯތައް ލީކުވުމުގެ މައްސަލަތައް އަބަދުވެސް ފެންމަތިވާ ކަމަށެވެ.

މިފަދަ ކަންކަން ހިނގާފައިވާ ޕެޓާންތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ތެރޭގައި، ޚާއްސަކޮށް މިހާރުގެ ޖީލަށް ވިސްނިފައި އޮންނަނީ ވަރަށް އާދައިގެ ކުޑަ ކަމެއް ކަމަށް. މިސާލަކަށް ބަލާލަމާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކަށް. ޕޯސްޓުކޮށްފައި ހުންނަ ފޮޓޯތައް. މިފަދަ ފޮޓޯ ތަކުގެ އެޑްވާންޓޭޖް އެބަ ނަގާ ކުށްތަކަށް އަރައިގަންނަން ބޭނުންވާ ފަރާތްތައް. މީގެންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު، ސޯޝަލް މީޑިއާ ނުވަތަ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައި ހުންނަ ފޮޓޯތައް އެޑިޓް ކޮށްގެން، ބަރަހަނާ ފޮޓޯއަށް ބަދަލުކުރާގޮތް، ބަދަލު ކުރުމަށް ޑިސްކަސްކޮށް އެގޮތަށް ބަދަލުކޮށްފައި ހުރިތަންވެސް ފެނިފަ އެބަހުރި

ހެޑް އޮފް އިންވެސްޓިގޭޝަންސް، އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް

 

މިއާއެކު އަޒީފް ވަނީ ކޮންމެ މީހަކުވެސް އެމީހަކު މީސްމީޑިއާއަށް ދޫކުރާ ކޮންޓެންޓަކީ ”ކިހާވަރެއްގެ ޑާޓާތަކަކާއި މައުލޫމާތު ތަކެއްކަން“ ބަލަން ޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ކުރިއަށް ގެންދާ އެވެއާނެސް ސެޝަން ތަކުގައިވެސް ބޮޑަށް އަލި އަޅުވާލަނީ ޑާޓާ ޕްރޮޓެކްޝަންގެ މައްޗަށް ކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ހިތާމައަކީ މި ހިންގާ އެވެއަނެސް ސެޝަން ތަކުގައިވެސް އެންމެ އެއްބާރުލުމެއް ނުލިބޭ ޕޭރެންޓުންގެ ފަރާތުންވެސް

ހެޑް އޮފް އިންވެސްޓިގޭޝަންސް، އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް

 

އަޒީފް އައްބާސްގެ ވާހަކައާއި ގުޅިގެން ހެޑް އޮފް ސައިބަރ ކްރައިމް ސެންޓަރ ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހް ވެސް ވަނީ މީސްމީޑިއާގައި ކުޑަކުދިންނާއި މީހުން ފޮނުވަމުންދާ ފޮޓޯތަކުގެ ބޭނުންކޮށް، ބްލެކްމެއިލްކޮށް، ބަރަހަނާ ސައިޓް ތަކުގައި އެ ވިއްކުމުގެ ކަންކަން ކުރާކަން ފާހަގަކުރައްވާފައެވެ.

”އެގޮތައް ފޮނުވާ ފޮޓޯ، އިތުބާރު ކުރެވޭ ފަރާތަކަށް ނުވަތަ ނޭނގި ނަމަވެސް ފޮނުވިގެން، ޑިލީޓްވާނެ ކަމަށް ބަލައި ފޮނުވާ ސްނެޕްޗެޓް ކަހަލަ އެޕްލިކޭޝަނަކުން އެ ރިކޯޑްކޮށް އެގޮތަށް މި ވިމްޓިމައިޒް ވެފައި ހުންނަނީ ގިނަ ފަހަރަށް.“

ހެޑް އޮފް ސައިބަރ ކްރައިމް ސެންޓަރ ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހް

 

ފުލުހުން ހާމަކުރި ގޮތުގައި، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަމަށާއި، މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 34680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާކަމާއި އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!