ބައިވެރިޔާ ވަކިވުމުން ރަހްމަތްތެރިޔާއަށް އެހީ ވާނީ ކިހިނެއް ތަ!
ދެންމެ | 15 ސެޕްޓެމްބަރ 2024

ހަޔާތުގެ ބައިވެރިޔާ ނުވަތަ އެތައް ދުވަހަކަށް އެކުގައި އުޅެފައިވާ ލޯބިވެރިޔާއާއި ވަކިވުމަކީ އޭގެ ސަބަބުން އެމީހަކަށް ނަފްސާނީގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ. މިފަދަ ދަނޑިވަޅުގައި އެންމެ ބޭނުންވާނީ ތިމާގެ ހިޔާލުތަކާއި ޝުއޫރުތައް ފާޅުކުރާނެ ހެޔޮއެދޭ ރައްޓެއްސެކެވެ. އެހެންކަމުން މި ފަހަރު މި ހިމަނާލަނީ ބައިވެރިޔާއާއި ވަކިވުމުގެ ހިތާމާގައި އުޅޭ ރައްޓެހިންނަށް އެހީވުމުގެ ގޮތުން ކުރަންވީ ބައެއް ކަންކަމެވެ.

 

ޖަޒުބާތުތައް ހިއްސާ ކުރުމަށް ފުރުސަތު ދިނުން:

ތިބާގެ ގާތް ރައްޓެއްސަކު އެމީހެއްގެ ހަޔާތުގެ ބައިވެރިޔާއާއި ވަކިވުމުގެ ސަބަބުން ހިތާމަ ކުރަމުންދާނަމަ އެ މީހަކަށް އެހީވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އޭނާގެ ޖަރުބާތުތައް ހިއްސާ ކުރުމުގެ ފުރުސަތު އޭނާއަށް ދިނުމެވެ. އެގޮތުން އެމީހަކާއެކު އެކަހެރިވެލުމަށްފަހު އޭނާގެ ވާހަކަތައް ވަރަަށް ކަނުލައި އަޑުއަހަން ޖެހެއެވެ. އަދި އޭނާގެ އިހުސާސްތަކަށް ގަދަރުކޮށް، ހިއްވަރުދޭން ޖެހެއެވެ. މިހެން ކަންތައް ކުރުމުން އޭނާއަށް ބައިވެރިޔާގެ ހިޔާލުތަކާ ދުރަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.

 

އެކުގައި ވަގުތު ހޭދަކުރުން

ތިބާގެ ގާތް ރައްޓެއްސަކު އޭނާގެ ބައިވެރިޔާއާއި ވަކިވުމުގެ ސަބަބުން ހިތާމާގައި އުޅޭނަމަ އޭނާއަށް އެހީވުމުގެ ގޮތުން ވީހާވެސް ގިނަ ވަގުތެއް އޭނާއާއެކު ހޭދަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އޭނާ ގޮވައިގެން ބޭރަށް ގޮސް، އޭނާ ގަޔާވާފަދަ ކަންކަން ކުރުމުގައި މަޝްއޫލުވާން ޖެހެއެވެ. މިހެން ކަންތައް ކުރުމުން އެކުވެރިޔާ އެކަނި ހުންނަން ޖެހޭ ވަގުތުތައް މަދުވެ، ބައިވެރިޔާގެ ހިޔާލުތަކާ ދުރަށް ދާން ފަސޭހަވެއެވެ.

 

ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ދެއްކުމަށް ލަފާ ދިނުން:

ގާތް ރައްޓެއްސަކު ހިތާމާގައި އުޅޭތަން ބެލުމަށް އެއްވެސް މީހަކަށް ކެތެއް ނުކުރެވޭނެއެވެ. ތިބާގެ ގާތް ރައްޓިއްސަކު ބައިވެރިޔާއާއި ވަކިވުމުގެ ސަބަބުން ހިތާމަ ކޮށް އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން އަސަރު ކުރަމުން ދާނަމަ ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ދެއްކުމަށް ލަފާ ދީ އެކަމުގައި އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމެންޓު ހައްދައިދީ، އޭނާ ގޮވައިގެން އެތަނަށް ދިއުމަކީ ރައްޓެއްސެއަގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!