ކޮފީ އަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗަކަށްވީއިރު މިއީ ތަފާތު އެކި ގޮތްގޮތައް ބޭނުން ކުރާ އެއްޗެކެވެ. މިއީ ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކެއް އެކުލެވޭ އެއްޗެއް ކަމުން މި ބޭނުން ކުރުމުން އަޅުގަނޑުމެންގެ ހަންގަނޑަށްވެސް ވަރަށް ގިނަ ފައިދާތައް ލިބެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ކޮޕީ ބޭނުން ކުރުމުން ހަންގަނޑަށް ލިބޭ ފައިދާތަކެވެ.
ބިހި ނެގުން ހުއްޓުވައިދޭ
ކޮފީ އަކީ ހަންގަނޑުގައި ބިހި ނެގުން ހުއްޓުވައިދޭ އެއްޗެކެވެ. މިއީ ތަފާތު އެކި އެންޓި-ބެކްޓީރިއަލް ޕްރޮޮޓީތައް އެކުލެވިފައިވާ އެއްޗެއް ކަމުން މި ބޭނުން ކުރުމުން ޖަރާސީމުތައް ފަސޭހަ ކަމާއެކު މަރުވެއެވެ. އެހެންކަމުން ގަވާއިދުން ކޮފީ ބޭނުން ކުރާނަމަ ހަންގަނޑުގައި ހުންނަ ބިހި ރަނގަޅުވެ ހަންގަނޑުގައި ބިހި ނެގުން ހުއްޓުވައިދެއެވެ.
ލޯ ކައިރި ކަޅުވުން ހުއްޓުވައިދޭ
ކޮފީ އަކީ ލޯ ކައިރީގައި ކަޅު ވެފައި ހުންނަ ތަންތަން (ޑާކް ސާކަލް) ވެސް އަލިކޮށްދިނުމަށް އެހީވެދޭ އަދި ލޯ ކައިރި ކަޅުވުން ހުއްޓުވައިދޭ އެއްޗެކެވެ. މިހެން މިކަން ވަނީ ކޮފީ ބޭނުން ކުރުމުން ލޭ ނާރުތައް ފުޅާވެ މޫނުގައި ލޭ ދައުރުވުން ރަނގަޅު ވާތީއެވެ. އެހެންކަމުން ލޯ ކައިރި ކަޅުވާނަމަ ކޮފީ ސްކްރަބު ބޭނުން ކުރުމުން ލޯ ކައިރި ފަސޭހަކަމާއެކު އަލި ވާނެއެވެ.
ހައިޕާ ޕިގްމެންޓޭޝަން ރަނގަޅު ކޮށްދޭ
ކޮފީ އަކީ މޫނުގައި ހުންނަ ހައިޕާ ޕިގްމެންޓޭޝަން ރަނގަޅު ކޮށްދީ މޫނުގެ ހަންގަނޑު އަލި ކޮށްދިނުމަށްވެސް އެހީވެދޭ އެއްޗެކެވެ. ކޮފީގައި ހިމެނޭ ކްލޮރޮޖެނިކު އެސިޑާއި މެލަނޮއިޑުތަކަކީ އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީތައް އެކުލެވިގެންވާ މާއްދާތަކެއްކަމުން ކޮފީ ބޭނުން ކުރުމުން މޫނުގައި އެކި ތަންތަން ދުޅަވުން ކުޑަ ކޮށްދެއެވެ. އެހެންކަމުން ކޮފީ ބޭނުން ކުރުމުން މީހާގެ މޫނުގެ ހަންގަނޑުގައި ކަޅުވެފައި ހުންނަ ތަންތަން ރަނގަޅު ކޮށްދީ، މޫނުގެ ކުލަ އަލިކޮށްދެއެވެ.
ހަންގަނޑު ޒުވާން ކަން މަތީ ބަހައްޓަދޭ
ކޮފީ އަކީ ހަންގަނޑު ޒުވާންކަންމަތީ ބަހައްޓައިދިނުމަށްވެސް އެހީވެދޭ އެއްޗެކެވެ. ހަންގަނޑުގައި ކޮފީ އުނގުޅުމުން އިރުގެ ނުރައްކާތެރި ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުވެ، މޫނުގައި ރަތްވެފައި ހުންނަ ތަންތަންވެސް ރަނގަޅުވެއެވެ. މީގެ އިތުރުން ކޮފީ ބޭނުން ކުރުމުން ހަންގަނޑުގައި ރޫ ޖެހުން ވެސް ހުއްޓި މޫނުމަތި ރީތިވެއެވެ. އަދި އޭގެ ސަބަބުން މީހާގެ ހަންގަނޑު ޒުވާންކަމަށްވެސް ދައްކައެވެ.