ސަމާލުވޭ! އަނެއްކާ ވެސް ރިހާކުރު އަގު އުފުލިއްޖެ
ދެންމެ | 15 ސެޕްޓެމްބަރ 2024

ބާޒާރުގައި ރިހާކުރުގެ އަގު އުފުލިއްޖެއެވެ.

ރިހާކުރުގެ އަގު މައްޗަށް ދިއުމާ ގުޅިގެން، ރިހާކުރުގެ ވިޔަފާރިއަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ރިހާކުރު ވިއްކާ މީހުން ވަނީ ބުނެފައެވެ.

މާލޭގައި ކުޑަފިހާރައެއް ހިންގާ ފަރާތަކުން ބުނީ ކުރިން 8 ނުވަތަ 10 ފުޅި ރިހާކުރު ދުވާލަކަށް ވިކޭކަމަށެވެ. ނަމަވެސް މިހާރު އެންމެ ފުޅިއެއް ނުވިކޭ ދުވަސްތައް ގިނަކަމަށެވެ. އެހެން ދިމާވަނީ މިހާރު ރިހާކުރުގެ އަގު މައްޗަށްދިއުމާ ގުޅިގެން ކަމަށް އޭނާ ފާހަގަކުރިއެވެ.

ރިހާކުރުގެ އަގު މައްޗަށްދާ އެއް ސަބަބަކީ ރިހާކުރު ކެއްކުން މަދުވުން ކަމަށް ވިޔަފާރީގެ ތެރޭގައި އުޅޭ މީހުން ބުނެއެވެ.

”މިފަހަކަށް އައިސް މަހަށް ފުރާ ދޯނިތައްވެސް މަދުވުމުގެ ސަބަބުން މަސް ނުލިބޭތީ ރިހާކުރު އަގަށް ބަދަލު އަންނަނީ،“ ރިހާކުރު ވިއްކާ މީހަކު ފާހަގަކުރިއެވެ.

މިހާރު ބާޒާރުގައި ރިހާކުރުގެ އަގުތައް ހުރި ގޮތައް ބަލާއިރު ކުދި ފުޅި 80ރ އަށް ހުރި އިރު، މެދު ސައިޒް ގެ ފުޅިއެއް ލިބެނީ 250ރ އަށެވެ. އަދި ބޮޑުސައިޒްގެ ފުޅި ހުރީ 350ރ އަށެވެ.

މަސްއޮޑިފަހަރު މަހަށް ފުރުން މަދުވެފައިވާ ކަމުގެ ވާހަކަ މުޅި ރާއްޖެއިން އިވެމުންދާއިރު، މަސްވެރިކަމުގައި އުޅޭ މީހުން ބުނަނީ ސަރުކާރުން މަސްކިލޯއެއް މިހާރު ގަންނަނީ 16 ރުފިޔާއަށް ކަމަށްވާއިރު، އެއީ މަހުގެ ހަމަ އަގު ނޫން ކަމަށާއި، އެ އަގުގައި މަސްވިއްކައިގެން ޚަރަދު ފޫނުބެއްދޭ ކަމުގައެވެ.

”މި ފާއިތުވި 18 އަހަރުގެ ތެރޭގައި މަސްވެރިންނަށް މިހާ ނިކަމެތި ކަމެއް ނުލިބޭ،“ މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!