މިނިސްޓަރު އިހުސާންގެ ސެކިއުރިޓީ އާއި އަސްކަރިއްޔާއިން ހަވާލުވެއްޖެ
ދެންމެ | 17 ސެޕްޓެމްބަރ 2024

ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ސެކިއުރިޓީއާ އެމްއެންޑީއެފުން ހަވާލުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު ފިޔަވައި އެހެން މިނިސްޓަރުންގެ ސެކިއުރިޓީ އާންމުކޮށް ބަލަހައްޓަނީ ފުލުހުންނެވެ. ހޯމް މިނިސްޓަރުގެ ސެކިއުރިޓީ ވެސް ބަލަހައްޓަމުން އައީ އެ މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ ފުލުހުންނެވެ.

މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ، އޭނާގެ ސެކިއުރިޓީއާ އެމްއެންޑީއެފުން މި ދުވަސްވަކޮޅު ހަވާލުވީ ހެދި ”ތްރެޓް އެސެސްމަންޓް“ އަކަށް ފަހު ކަމަށެވެ. އެކަމަކު ވިދާޅުވީ އެއީ ”ބޮޑު ކަންތައްގަނޑެއް“ ކުރިމަތިވެގެން ގެނައި ބަދަލެއް ނޫން ކަމަށެވެ.

”ވަޒީރުންގެ ތްރެޓް އެސެސްމަންޓް ދޭތެރެދޭތެރެއިން ހަދާނެ. އެ އެސެސްމަންޓް ހަދާފައި އެމްއެންޑީއެފުން ބަލަހައްޓަން ޖެހޭ ވަޒީރުން ފާހަގަވެއްޖިއްޔާ މި ބަދަލު އަބަދުވެސް ގެންނާނެ. އަބަދުވެސް ކުރާ ކަމެއް މިއީ. އެ އުސޫލުން އަޅުގަނޑުގެ ސެކިއުރިޓީ ވެސް އެމްއެންޑީއެފުން މިހާރު ބަލަހައްޓަނީ،“ ސިފައިންގެ އޮފިސަރެއްގެ ގޮތުގައި 10 އަހަރު ހޭދަކުރައްވައި އަދި އެމެރިކާ އިން އަސްކަރީ ތަމްރީން ހައްދަވާފައިވާ އިހުސާން ވިދާޅުވި އެވެ.

އިހުސާން ބަލަހައްޓަވާ ހޯމް މިނިސްޓްރީއަކީ މި ސަރުކާރުގެ ”މެގަ“ މިނިސްޓްރީ ކަމަށް ވާއިރު މި ވަގުތު އެންމެ ބޮޑު އަމާޒެއް ހިފާފައި ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން ދިޔަ ބިދޭސީންގެ ނެޓްވޯކްތައް ހުއްޓުވައި އެ މީހުން އަތްގަދަކޮށްގެން ތިބި ވިޔަފާރިތައް ހުއްޓުވައި ތަޅު އޭނާ ގެންދަވަނީ ތަޅު އަޅުވަމުންނެވެ. އެއާ އެކު، ގޭންގް ކުށްތަކާއި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ދާދި ފަހުން ވަނީ އިހުސާން އިސްވެ ބިލެއް ވެސް ޑްރާފްޓް ކޮށްފަ އެވެ.

މިލިއަނުން، ދައުލަތަށް ދައްކަން ޖެހޭ ބިދޭސީންގެ ފީތައް ނުދައްކައި ވިޔަފާރިކުރަމުންދާ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ލިސްޓް ވެސް މި ފަހުން ހޯމް މިނިސްޓްރީން އާއްމުކޮށްފައިވެ އެވެ. އެ ލިސްޓުގައި ރާއްޖޭގެ ވަރަށް މަޝްހޫރު ބޮޑެތި ވިޔަފާރި ކުންފުނިތައް ހިމެނޭއިރު، ނުފޫޒާއި ބާރުން ސަރުކާރަށް ޕްރެޝަރު ކުރެވޭނެ ވަރުގެ ކުންފުނިތައް ހުއްޓެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!