މާލޭގެ ބޭރުތޮށި މަރާމާތުކުރަން ޖަޕާން 2.2 މިލިޔަންގެ ބޮޑު އެހީއެއް ދީފި
ދެންމެ | 17 ސެޕްޓެމްބަރ 2024

މާލޭގެ ބޭރުތޮށި މަރާމާތުކުރަން ޖަޕާން ސަރުކާރުން ބޮޑު އެހީއެއް ދޭން ނިންމައިފި އެވެ.

”ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް“ މަޝްރޫއުގެ ދަށުން އެކަމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާނާއި ރާއްޖެއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް ތަކެއުޗި މިދޮރި އެވެ.

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 140،000 ޑޮލަރު ނުވަތަ 2.2 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާ ކަަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާ ގުޅުންހުރި އެހެނިހެން ކާރިސާތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމުގައި އެ މަޝްރޫއު ވަރަށް މުހިންމު ކަމަށެވެ. ހަމަ އެހެންމެ އެ މަޝްރޫއަކީ އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ރައްކާތެރިކަން ފޯރުކޮށްދޭނެ މަޝްރޫޢެއްކަމުގައި ވިދާޅުވިއެވެ.

ދެހާސް ހަތަރު ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށް އިޝާރާތް ކުރައްވައި، މިނިސްޓަރ ޒަމީރު ވަނީ މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި، ޖަޕާނުގެ އެހީގައި 1990 ވަނަ އަހަރު ބިނާކުރި މާލޭގެ ވަށާތޮށި އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!