މާލެ ހިމެނޭހެން ޖުމްލަ 6 ރަށެއްގައި އިސްލާމީ ލައިބްރަރީތައް ޤާއިމް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން މާލެ ހިމެނޭހެން ރާއްޖޭގެ 6 ރަށެއްގައި އިސްލާމީ ލައިބްރަރީ ޤާއިމުކުރެއްވުން ކަމަށެވެ.
އެގޮތުން މާލޭގައި ޤާއިމުކުރާ ލައިބްރަރީ ކިންގް ސަލްމާން މިސްކިތުގައި އަންނަ ޖެނުއަރީމަހު ހުޅުއްވަން މަސައްކަތް ކުރަށްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަލްމާން މިސްކިތުގައި ލައިބްރަރީ ޤާއިމްކުރަށްވާނީ މީހުންނަށް ވަދެ ފަސޭހައިން ދިރާސާ ކުރެވޭނެ ފަދަ ގޮތަކަށް، ޒަމާނީ ވަސީލަތްތަކާއެކު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މާލޭގެ އިތުރުން ލައިބްރަރީތައް ޤާއިމުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ގދ. ތިނަދޫ އާއި ރ. އުނގޫފާރާއި ހއ. ދިއްދޫ އާއި އައްޑޫސިޓީ ހިތަދޫގެ އިތުރުން ޏ. ފުވައްމުލަކުގައެވެ.
“އަމާޒަކީ ޖެނުއަރީ މަހުގެ ކުރިން ލައިބްރަރީ އިފްތިތާހުކުރުން. އަދި އިސްލާމީ އެކި މަރުކަޒުތަކުގައި ވެސް ލައިބްރަރީތައް ޤާއިމު ކުރާނަން.” ޑރ. ޝަހީމް މިއަދު ވިދާޅުވިއެވެ.
އޭގެ އިތުރުން ޑރ. ޝަހީމް މިއަދު ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމީ ހިދާޔަތު ދެމެހެއްޓުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ އެ އަމާޒުތައް ޙާސިލު ކުރެއްވުމަށް ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.