އެމްޑީޕީ އާއި ޑިމޮކްރެޓިކްސް އެއްކޮށްލަން މަސްވަރާއެއް ނުކުރަން: އިބޫ
ދެންމެ | 20 ސެޕްޓެމްބަރ 2024

އެމްޑިޕީ އާއި ދަ ޑިމޮކްރެޓްސް އެއްކޮށްލުމުގެ މަޝްވަރާތަކެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ސާލިހު މިހެން ވިދާޅުވީ ހާއްސަ މަޖިލީހުގެ ކުރީގެ އެމްޑީޕީ މެންބަރު އަހްމަދު ޝަފީގް (މީމު ސައްޕެ) އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެއްކޮށްލުމުގެ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެެވެ. އެގޮތުން ސައްޕެ ވިދާޅުވީ ރައީސް ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުން ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ދެރައީސުންގެ މެދުގައި އެއްވެސް ކަހަލަ ނުތަނަވަސް ކަމެއް ނެތް ކަމުގެ ޔަގީންކަން ދެއްވައި، ދެ ޕާޓީ އެއްކޮލުމަށް ދެ ބޭފުޅުން ވެސް ތާއީދު އޮތް ކަން އެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ކަމަށް ސައްޕެ ވިދާޅުވިއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެެއްގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ނަޝީދާއި އެމަނިކުފާނު ވާހަކަފުޅު ނުދައްކަވާތާ ވަރަށް ގިނަ ދުވަސްތަކެެއް ވެފައިވާ ކަމަށެވެ. އެމްޑީޕީން އެއްވެސް ޕާޓީއަކާ ވާހަކަދައްކައި އެކުގައި މަސައްކަތް ކުރަން ނިންމާނީ ޕާޓީގެ ގައުމީ މަޖިލިހުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެެވެ.

”އެފަދަ ވާހަކައެއް އަޅުގަނޑާ މިހާތަނަށް ދައްކާފައި ނުވާ ވާހަކަ ވެސް ބުނެލަން،“ ނަޝީދާއި ބައްދަލުކުރެއްވި ވާހަކަތައް ދޮގުކުރަށްވައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ސޯލިހް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!