އޮޑީގައި މަސް ފިނި ކުރަން ލޯނު ދޭން ފަށައިފި
ދެންމެ | 23 ސެޕްޓެމްބަރ 2024

މަސްދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިޔު) ގާއިމުކުރުމުގެ މަޝްރޫއު އަލުން މުރާޖައާކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މަޝްރޫއަކީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސް ފިނިކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނީ ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިދިޔަ އަހަރު އިފްތިތާހު ކުރެވުނު މި ލޯނު މަޝްރޫއު އަލުން ހުޅުވާލީ މަސްވެރިންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް ލޯނުގެ ބޭނުން ކުރެވޭނެ ގިނަކަންކަން ހިމަނައިގެން ކަމަށެވެ.

އަދި ލޯނު ދެއްކުމަށް ލުއި ފަސޭހަތަކެއް ދިނުމަށް މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ޚާއްޞަ އިސްކަމެއްދީފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން ގެނެވުނު އެންމެ ބޮޑު ލުޔަކީ މަޝްރޫއުގެ ދަށުން ދޫކުރާ ލޯނުގެ ދަށުން ގަންނަ ތަކެތީގެ އަގުގެ 35 ޕަސަންޓު ޑިސްކައުންޓް ކުރުން ކަމަށާއި ލޯނުގެ ދަށުން، އާރްއެސްޑަބްލިޔު ސިސްޓަމް ގާއިމްކުރުމާއި ޖެނެރޭޓަރު ސެޓް ގަތުމާއި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށްވެސް ޚަރަދު ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 700،000 އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!