ބަލި މީހުންގެ ރިކޯޑްސް އެއްތަނަކުން ފެންނާނެ ނިޒާމެއް ގާއިމް ކުރަން ނިންމައިފި
ދެންމެ | 29 ސެޕްޓެމްބަރ 2024

ރާއްޖޭގެ ސިއްހީ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، ބަލިމީހުންގެ ސިއްހީ ރެކޯޑުތައް އެއްތަނަކުން ފެންނާނެ ނިޒާމެއް ޤާއިމުކުރުމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މަސައްކަތް ފަށާފައެވެ. މި މަޝްރޫޢުގެ ނަމަކީ ”ނޭޝަނަލް ޑިޖިޓަލް ހެލްތު އާކިޓެކްޗަރ ބްލޫޕްރިންޓް“ އެވެ.

މި ނިޒާމުގެ ސަބަބުން، ބަލިމީހުންގެ ސިއްހީ މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން، ބަލިމީހުންނަށްވެސް އެމީހުންގެ އަމިއްލަ ސިއްހީ މަޢުލޫމާތުތައް ބެލޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.

ހެލްތް މިނިސްޓްރީން ބުނީ، މި ނިޒާމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް ބަލިމީހުންނަށް އެންމެ އެކަށޭނަ ފަރުވާ ދިނުމަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބިގެންދާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ސިޔާސަތުތައް އެކުލަވާލުމުގައި ބޭނުންވާ އަދާހަމަ މަޢުލޫމާތު ލިބުން ފަސޭހަވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސިއްހީ ހިދުމަތްތެރިން، ސިޔާސަތު އެކުލަވާލާ ފަރާތްތައް، އަދި ފަންނީ މާހިރުންގެ ލަފާ ހޯދުމަށް މަސައްކަތު ބައްދަލުވުންތަކެއް ބޭއްވިފައިވެއެވެ. އަދި މަޝްރޫޢު ނިންމުމުގެ ކުރިން އާންމު ރައްޔިތުންގެ ހިޔާލުވެސް ހޯދުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކުގައެވެ. މި ނިޒާމު ގާއިމުވުމުން، ދުރާލާ ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމުގެ އާދަ އާންމުންގެ މެދުގައި އަށަގެންނެވުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވޭކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!