”ލިވާތު ކޮޓަރި“އަށް ދިޔައީ ވިޔަފާރި ބޭނުމެއްގައި، ތުވާޔެއް އަދެގެން ހުރި ބިދޭސީއަކާ ދިމާވި: ކާނަލް ނަސީދު
ދެންމެ | 27 ޖޫން 2022

އެއް ޖިންސުން ގުޅުން ހިންގާ ބައެއްގެ މަންޒަރުތައް އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ކޮޓަރިއަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ދިޔަ ކަމަށާ އެ ތަނަށް ދިޔައީ ވިޔަފާރި މީޓިންއަކަށް ލިބުނު ދައުވަތަކަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

“ލިވާތު ކޮޓަރި”ގެ ނަމުން މިހާރު ނަން މަޝްހޫރުވެފައިވާ އެ ކޮޓަރިއަށް ނަޝީދު ވަތް މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ރާއްޖޭގެ މީޑީޔާއަކުން އާންމުކުރުމާ ގުޅިގެން ރާއްޖޭގެ ބަައެއް މީޑިޔާތަކަށް ދިން އިންޓަރވިއުއެއްގައި ނަޝީދު ވަނީ އެކަމަށް އިއުތިރާފުވެފައެވެ.

ކާނަލް ވިދާޅުވީ އެ ކޮޓަރިއަށް ދިޔަ ކަމަށާ ދިޔައީ ބަަޔަކު މީހުން ކުރާ ވިޔަފާރިއަކަށް ސްޕޮންސަރއެއް ބޭނުންވެގެން ތަކުރާރު ގުޅަމުން ދިޔުމުން އެމީހުންގެ ދައުވަތަކަށް ކަމަށެވެ. އަދި އެ ވިޔަފާރިއަކީ މަސާޖު ޕާލަރއެއް ހިންގުމުގެ ވިޔަފާރި ކަމަށާ އަދި އެ ދުވަސްވަރަކީ ކޯވިޑުގެ ޕެންޑަމިކު ދުވަސްވަރުކަމުން އެކަމާ މަޝްވަރާ ކުރަން އެމީހުން އޭނާއަށް ދައުވަތު ދިނީ އެމީހުންގެ އެ ޕާލާރއަށް ކަމަށެވެ.

އޭނާ އެތަނަށް ދިއުމުން ކޮޓަރިތައް ބަލާލަން ދައުވަތުދީ އެއިން ކޮޓަރިއަކަށް އޭނާ ވަތް އިރު ފޮޓޯއިން އެ ފެންނަ ބިދޭސީ މީހާ ހުރި ކަމަށާ އޭނާ ހުރީ ތުވާއްޔެއް އަނދެގެން ކަމަށް ނަޝީދު ކިޔައިދެއްވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އޭގެ ފަހުން އޭނާއަށް ގުޅާ އޭނާގެ ވީޑިއޯ އާއި ފޮޓޯ ހުރިކަމަށް ބުނެ ބްލެކުމެއިލް ކުރާ ކަމަށާ އަދި ފައިސާ ނުދީފި ނަމަ ލީކުކޮށްލާނެ ކަމަށް ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް އެމީހުންނަށް ފައިސާ ދީފައި ނުވާނެ ކަމަށާ ފުރަތަމަ އެދުނީ 2 ލައްކަ ޑޮލަރު ދިނުމަށްކަމަށާއި ފަހުން އެދުނީ 50،000ރ ދިނުމަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ފައިސާ ދިނުމަށް އިންކާރުކޮށް ފުލުހަށް މައްސަލަ ހުށަހެޅުއްވިކަމަށް ވެސް ކާނަލް ވަނީ ވިދާޅުވެފައެވެ. އަދި ކާނަލްވަނީ ނާޒިމް ސައްތާރުމެން ފަދަ އެތައް ބައެއްގެ އެއްޗެއްހި ހުރި ކަމަށް ޓެލެގްރާމު މެދުވެރިކޮށް އެ އައި ކޯލުތަކާ ސީކްރެޓު ކޮންވަޒޭޝަންތަކުގައި އެ ބަޔަކު ބުނިކަން ވެސް އޭނާ  ވިދާޅުވެފައެވެ.

ފައިސާ ނުދީފި ނަމަ ސިޔާސީ ހަޔާތް އެއްކޮށް ދުއްވާލާނެކަމުގެ އިންޒާރުވެސް އެ އެކައުންޓުތަކުން ދީފައިވާ ކަމަށާ އެކި ފަހަރު މުއާމަލާތްކުރަނީ އެކި އެކައުންޓު ތަކުން ކަމަށްވެސް ކާނަލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!