ސަޖިދަކުރުން ގިނަކުރުމުން ލިބޭ އެންމެ ބޮޑު ފައިދާއަކީ އެމީހަކާ ވައިއެޅެންވެސް ޝައިޠޯނާ ޖެހިލުންވުމެވެ. އެފުރުޞަތުވެސް ޝައިޠޯނާއަށް ގެއްލުމެވެ. އެއީ އެމީހާގެ ވަށައިގެން ރަޙްމަތުގެ މަލާއިކަތުން އަބަދުވެސް ތިއްބަވައި ޝައިޠޯނާއަށް ހުރަސްއަޅުއްވަވާނެތީއެވެ. އިން ޝާ ﷲ
ސުވަރުގޭގެ އެންމެމަތިވެރި ނިޢްމަތަށް ވާސިލުވެވުމާއި ސަޖިދަ ކުރުމާއި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އެހެނީ ރަސޫލް (ﷺ) ވާނީ ސުވަރުގޭގެ އެންމެމަތިވެރި ދަރަޖައިގައެވެ. ރަސޫލް (ﷺ) ގެ އަރިއަހުގައި ސުވަރުގޭގައި ވުމަށް އޮތް އެއް މަގަކީ ސަޖިދަކުރުން ގިނަކުރުމާއި ސަޖިދައިގައި ހޭދަކުރާ ވަގުތު ގިނަކުރުމެވެ.
ކޮންމެމުސްލިމަކުވެސް އެންމެބޮޑަށް އެދޭނެ ކަމަކީ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައަށް ވާސިލުވުމެވެ! އެ މަޤްޞަދު ޙާޞިލުކުރެވެން އޮތް މަގު މިބުނެދެނީ ރަސޫލް (ﷺ)ގެ ޙަދީޘްފުޅަކުންނެވެ.
ސުވަރުގޭގައި ރަސޫލް (ﷺ) އާއި އެންމެ އަރިހުގައި ވާން ބޭނުން މީހާ ސަޖިދަކުރުން ގިނަކުރާށެވެ! އަދި ސަޖިދައިގައި ހޭދަކުރާ ވަގުތުވެސް ގިނަކުރާށެވެ! އެކަން އެނގިގެންދަނީ ރަސޫލް (ﷺ)ގެ ޙަދީޘްފުޅަކުންނެވެ.
ރަސޫލް (ﷺ)ގެ ޚިދުމަތުގައި އުޅުއްވެވި މާތް ޞަޙާބީ ބޭކަލެއް ކަމުގައިވާ ރަބީޢަ އިބްން ކައްބް ގެ އަރިއަހުގައި ބޭނުންފުޅުކަމަކު އެދިވަޑައިގަތުމަށް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވުމުން އެދިވަޑައިގަތީ ސުވަރުގޭގައި ރަސޫލް (ﷺ)ގެ އަރިއަހުގައިވެވަޑައިގަތުމަށެވެ. އެނޫން އެހެން ކަމަކަށް ބޭނުންފުޅުވެވަޑައިގަންނަވަމުތޯ ސުވާލުކުރެއްވެވުމުން ވެސް ދެންނެވީ އެދިވަޑައިގަންނަވަނީ ހަމައެކަނި އެކަމަށް ކަމަށެވެ.
އެހިނދު ޙަދީޘްފުޅުކުރެއްވެވީ ގިނަގިނައިން ސަޖިދަ ކުރެއްވެވުމުން އެހީތެރިވެދެއްވުމަށެވެ. (ސަޖިދަކުރެއްވުން ގިނަކުރެއްވެވުމަށެވެ.)
عَنْ رَبِيعَة بْن كَعْبٍ الْأَسْلَمِيُّ قَالَ كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ فَقَالَ لِي سَلْ فَقُلْتُ أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ قَالَ أَوْ غَيْرَ ذَلِكَ قُلْتُ هُوَ ذَاكَ قَالَ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُو
މި ޙަދީޘްފުޅުގައި “ بِكَثْرَةِ السُّجُو “ އޮތް ބަސްފުޅުގެ މާނައަކީ ހަމައެކަނި ސަޖިދަކުރުން ގިނަކުރުމެއް ނޫނެވެ. ސަޖިދައިގައި ހޭދަކުރާ ވަގުތުވެސް ގިނަކުރުމެވެ.