ރުޅިއަކީ އިންސާނުންގެ ތަބީއަތުގައި ލައްވާފައިވާ އިހުސާސެކެވެ. ކަމަކާ ހިތްހަމަ ނުޖެހުމުން އިސްކުރެވޭ މި އިހުސާސަކީ އެ އިހުސާސެއްގެ ސަބަބުން ހަށިގަނޑަށް ވެސް ގިނަ ބަދަލުތަކެއް ގެނުވާ އިހުސާސެކެވެ.
ރުޅީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޭރުފުށުން ފެންނަ ބަދަލުތަކެއް އަންނައިރު އެތެރެ ހަށްޓަށް ވެސް ގިނަ ބަދަލުތަކެއް އާދެ އެވެ.
އެގޮތުން ބަލާއިރު ރުޅި އައުމަކީ މީހާގެ ސިކުނޑި އެލާޓްވެ ސްޓްރެސް ހޯމޯންތައް ކަމަށްވާ އެޑްރެލައިންއާއި ކޯޓިސޯލް ރިލީޒް ކުރުވާ ކަމެކެވެ.
ނަތީޖާއަކަށް ވަނީ ހިތުން ހަށިގަނޑަށް ފޮނުވައިދޭ ލޭގެ މިންވަރު އިތުރުވެ ހިތުގެ ހިނގުމާއި ހަށިގަނޑުގައި ދައުރުވާ ލޭގެ ޕްރެޝަރު މަތިވުމެވެ.
ހަމައެއާއެކު ނޭވާލުން އަވަސްވެ ފުއްޕާމެއިން ހަށިގަނޑަށް އޮކްސިޖަން ފޮނުވައިދޭ މިންވަރު އިތުރު ވުމަކީ ވެސް ރުޅީގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލެކެވެ.
އެތެރެ ހަށްޓަށް އަންނަ މި ބަދަލުތަކަކީ ރުޅި އައިސްފައި ހުންނަ ހާލަތުގައި އަތްފައި ހަރަކާތް ކުރަން ތައްޔާރު ވުމުގެ ގޮތުން އަންނަ ބަދަލުތަކެކެވެ.
މާހިރުން ވިދާޅުވާ ގޮތުގައި މާ ބޮޑަށް ރުޅިގަދަ ވެއްޖެނަމަ އެއަށްފަހު ހަށިގަނޑުގައި ކޯޓިސޯލް ހުންނަ މިންވަރު ހަމައަކަށް އެޅެން ހަތް ގަޑިއިރު ނަގަ އެވެ.
އެހެން ކަމުން މާ ބޮޑަަށް ރުޅިގަދަ ވުމަކީ ނަފްސާނީ ސިއްހަތުގެ އިތުރުން ޖިސްމާނީ ސިއްހަތަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ.