ބުރަކަށީގައި ރިއްސުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ މީހުން ތަހައްމަލު ކުރަމުންދާ ކަމަކަށްވީއިރު، މިކަމުގެ ސަބަބުން ބައެއް ހާލަތްތަކުގައި ހެލިފެލިވެ އުޅެން އުނދަގޫވާ ފަހަރުވެސް އާދެއެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ނުލިބޭތީ އެކަމާމެދު ކަންބޮޑުވާ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. އަބަދު ބުރަކަށީގައި ރިއްސާތީ އުނދަގޫވާނަމަ އުޅުމަށް ބަދަކުތަކެއް ގެނައުމުން ބައެއް ފަހަރު މި މައްސަލަ ހައްލުވެއެވެ.
ބުރަކަށީގައި އަބަދު ރިއްސާފައި ހުންނަނީ ނިދާއިރު މީހާގެ ހަށިގަނޑު އޮންނަ ގޮތަކުން ކަމަސްވެސް ވެދާނެއެވެ. އަދި ބުރަކަށީގައި ރިއްސާތީ ނިދަން އުނދަގޫވުމުގެ ސަބަބުން މީހާއަށް ހަމަ ނިދި ނުލިބޭނަމަވެސް އެ ރިހުން އިތުރުވެ ހެލިފެލިވެ އުޅެން އުނދަގޫވެއެވެ. އެހެންކަމުން މިކަން ހައްލު ކުރަން ބޭނުންވާނަމަ ނިދާއިރު އޮންނަ ގޮތް ބަދަލުކޮށް، ހަށިގަނޑު އަރިއަކަށްވާގޮތަށް އޮތުމުން ބައެއް ފަހަރު ބުރަކަށީގެ ތަދު ރަނގަޅު ވެއެވެ. އަދި ދެފައި ދޭތެރޭގައި ބާލީހެއް ބާއްވައިގެން ނިދާނަމަވެސް ބުރަކަށްޓަށް ބާރު ކުރާވަރު ކުޑަވެ، ރިހުން ލުއިވެއެވެ.
އަދި އަޅުގަނޑުމެން އިށީނދެ އިންނައިރު، އިނދެވޭ ގޮތުންވެސް ބުރަކަށީގައި ރިއްސަފާނެއެވެ. މިސަބަބާހުރެ ބުރަކަށީގައި ރިއްސާނަމަ މާގިނަައިރު އެއްތަނެއްގައި އިށީނދެގެން އިނުމުން ބުރަކަށްޓަށް ބާރު ކުރާވަރު ބޮޑުވެ ރިހުންވެސް އިތުރުވެއެވެ. އެހެންކަމުން މިކަން ހައްލު ކުރުމަށްޓަކައި އިށީނދެ އިންނައިރު ބުރަކަށި ސީދާ ތެދުކޮށްލައިގެން، ގޮނޑީގެ އެހީގައިވިޔަސް ބުރަކަށްޓަށް ކޮންމެވެސް ވަރެއްގެ ސަޕޯޓެއް ހޯދަން ޖެހެއެވެ. އަދި މާ ގިނައިރު އިށީނދެ އިންނަން ޖެހޭނަމަ ގޮނޑީގައި ބާލީހެއް ކަހަލަ އެއްޗެއް ބާއްވައިގެން، އޭގައި ލެނގިލައިގެން އިނުމުންވެސް ބުރަކަށީގެ ރިހުން ރަނގަޅުވެއެވެ.
މީގެ އިތުރުން ބައެއް ހާލަތްތަކުގައި ބުރަކަށީގައި ރިއްސަނީ މީހާ ހެލިފެލިވެ ނޫޅޭތީ ކަމަށްވެސް ވެދާނެއެވެ. އެގޮތުން އަބަދު ބުރަކަށީގައި ރިއްސަނީއޭ ކިޔައި އެކަމާ ޝަކުވާ ކޮށް، އޮށޯވެގެން އެއް ތަނެއްގައި އޮންނަ ނަމަ ބުރަކަށީގެ ރިހުން އިތުރުވެ، ގައިގައި އިތުރަށް ވޭން އަޅަައެވެ. އެހެންކަމުން ބުރަކަށީގެ ރިހުން ރަނގަޅު ކުރަން ބޭނުންވާނަމަ ތެދުވެ މަޑުމަޑުން ހެލިފެލިވެ އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކަސްރަތު ކޮށް، މޫދަށް ގޮސް އުޅުމަކީވެސް ބުރަކަށީގެ ރިހުން ލުއިކޮށްދޭ ކަންކަމެވެ.
މަތީގައި މިވާ ކަންތައްތައް ކޮށްގެންވެސް ބުރަކަށީގެ ތަދައް ލުޔެއް ނުލިބޭނަމަ ޑޮކްޓަރަށް ދައްކައި އެކަމުގެ ފަހަތުގައިވާ ކަމެއް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ބޭނުންކޮށް، ފިޒިކަލް ތެރަޕީ ނަގަން ޖެހޭ ހާލަތްތަކުގައި އެކަންވެސް ގަވާއިދުން ކުރަން ޖެހެއެވެ. ސަބަބަކީ އެކަންތައް ކޮށްގެން ނޫނީ ހައްޓަށް ލުޔެއް ނުލިބޭނެތީއެވެ.