ކަރަންސީ ސްވަޕާއި އެކު ޑޮލަރުގެ މައްސަލަ ހައްލުވާނެ: ރައީސް
ދެންމެ | 07 އޮކްޓޯބަރ 2024

އިންޑިއާއާ އެކު ސޮއިކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެއްވި ސްޓޭޓްމަންޓްގައެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި މުހިއްމު މަޝްވަރާތަކެއް ކުރެއްވިކަމަށެވެ.

އިންޑިއާއަކީ ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީގައި މުހިއްމު ދައުރެއް އަދާކުރާ ޤައުމެއްކަމަށާއި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުގައި އިންޑިއާއިން އަބަދުވެސް އެހީވުމަށް ތައްޔާރަށް އޮންނަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހިރާއްޖެއިން އިންޑިއާއާއެކު 400 މިލިޔަން އެމެރިކާ ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް އެކުލަވާލުމުން އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލައައް ހައްލުކުރުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ވެވުނު ބައެއް އެއްބަސްވުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ އެ އެއްބަސްވުންތަކުގެ ސަބަބުން މުއައްސަސާތަކުގެ އޮނިގަނޑުތައް ހަރުދަނާވުމުގެ އިތުރަށް، މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރި އެއްބަސްވުން އެކުލަވާލުމުން ދެ ޤައުމުގެ ފުރިހަމަ އިޤްތިޞާދީ ޤާބިލުކަން ބޭނުންކުރެވޭނެކަމަށާއި ފަތުރުވެރިކަމާއި ތަރައްޤީގެ ދާއިރާއިންވެސް އިންޑިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރެވޭނެކަން ފާހަގަކުރައްވައި އެ އެއްބަސްވުން އެކުލަވާލެވޭނެ ދުވަހަށް އިންތިޒާރު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!