އިންޑިއާއަކީ ދެގޮތެއް ނުވެ އޮންނަ، ރާއްޖޭގެ ބައިވެރިއެއްކަން އެ ގައުމުން އަބަދުވެސް ސާބިތުކޮށްދެމުން އަންނަ ކަމަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައިސް މިފަދައިން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރޭ އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އެ ޖާފަތުގައި ރައީސް ވިދާޅުވީ އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ ތާރީހާއި ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސިޔާސީގުޅުން ގާއިމުކުރިތާ 60 އަށްވުރެ ގިނަ އަހަރުވެފައިވާއިރު އަދިވެސް އެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިގެންދިއުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަވަށްޓެރި ގައުމުތަކާއެކު ގުޅުންބަދަހި ކުރެއްވުމުގައި އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމުކުރުމާއެކު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުވެސް ތަކުރާރުކުރެއްވި އެވެ. އަދި ދެ ގައުމުން އެއްބަސްވާ އަދި ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރައްވާފައިވެ އެވެ.
އޭގެ ކުރިން އިންޑިއާގެ ރައީސްއާއި ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވާއިރު އެ ބައްދަލުކުރެއްވުމުގައި އިންޑިއާގެ ރައީސް ވަނީ ރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އެގޮތުން އިންޑިއާއިން ގެންގުޅޭ ”ނޭބަހުޑް ފާސްޓް“ ސިޔާސަތުގައްޔާއި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ”ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން“ ނުވަތަ ”ސާގަރް“ގެ ތަސައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއްކަމަށް އިންޑިއާގެ ރައީސް ފާހަގަކުރެއްވި އެވެ.
މާލެ ކަނެކްޓިވިޓީ މަޝްރޫއަކީ ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަން ފާހަގަކުރައްވައި އިންޑިއާގެ ރައީސް ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީ ފަރުމާކޮށްފައިވަނީ އޭގެ ފައިދާ ރައްޔިތުންނަށް ފޯރާނެ ގޮތަށް ކަމަށެވެ.
ރައީސް މުރުމޫ ވިދާޅުވީ ”ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނާޝިޕް“ ގެ ދަށުން ދޭދޭ ގުޅުން ހަރުދަނާކުރާނޭ އާ އޮނިގަނޑެއް ބިނާކުރެވޭނޭ ކަމަށެވެ. އަދި ރާއްޖެ ތަރައްގީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް މުރުމޫ ދެއްވި އެވެ.
އެ ބައްދަލުކުރުމުން އެ ދަތުރުފުޅަށް ދައުވަތުދެއްވި ކަމަށްޓަކައި ރައީސް މުއިއްޒުވަނީ އިންޑިއާގެ ރައީސްއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އިންޑިއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުގެ ދެމެދުގައި މުތަގާބިލު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
އެގޮތުން ތައުލީމާއި ބިނާރާއި ފަތުރުވެރިކަން އަދި ސިއްހީ ދާއިރާ ހިމެނޭނޭ ފަދައިން ގިނަ ދާއިރާތަކުން ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އިންޑިއާއިން އަދާކުރާ ހައްސާސް ދައުރުގެ މައްޗަށްވެސް އެ ބައްދަލުކުރެއްވުމުގައި ރައީސް އަލިއުޅުއްވާލެއްވި އެވެ.