މިނިވަންކަމަށް ބުރޫއަރާ ފަދަ ކަމެއް ނުކުރަން: ރައީސް
ދެންމެ | 10 އޮކްޓޯބަރ 2024

މިނިވަންކަމަށް ބުރޫއަރާ ފަދަ ކަމެއް ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިހާރު ރައީސް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިއުލާން ކުރެއްވި ”ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ“ އަކީ އެންމެންނަށް ފެންނަ ގޮތަށް އޮތް ލިޔުމެއް ކަމަށެވެ. އަދި އެ ލިޔުމަކީ ރާއްޖޭގެ ދިފާޢީ ބާރުން އެޕްރޫވްކޮށްފައި އޮތް ލިޔުމެއް ކަމަށާއި، އެ ލިޔުމުގައި އޮންނާނީ ދިވެހީންގެ ސިޔާސަތާ އެއްގޮތަށް ކަމަށެވެ.

”ފެންނަން އޮތް، އަކުރުން ފިއްޔަށް ލިޔެފައި އޮތް އެެއްޗެއް. އޭގައި ދިފާއީ ގޮތުން، ޑިފެންސްގެ ދާއިރާ އިން ލިޔެފައި ހުރި ކޮންމެ ޖުމްލައަކީ އެމްއެެންޑީއެފުން ބައްލަވައި ޑިފެންސް މިނިސްޓްރީން އެޕްރޫވް ކޮށްފައި އޮތް އެއްޗެއް. އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް ހުރިހާ ކަމެއް. ކުރީގައި ވީ ހެން އޭގައި ނުހުންނާނެ ކަންކަމެއް،“ ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވި ”ވިޝަން ޑޮކިއުމަންޓް“ އާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންނަށް އެންމެ މުހިންމީ އިސްލާމްދީނާއި ގައުމިއްޔަތު ކަމަށެވެ. އަދި އެ ކަންކަމަށް ބުރޫއަރާ އެއްވެސް ކަމެއް ވިޝަން ޑޮކިއުމަންޓުގައި ނޯންނާނެ ކަމަށެވެ.

”މިއީ ވަރަށް ދެފުށް ފެންނަ ގޮތަށް ހިންގާ ސަރުކާރެއް. ފެންނަން އޮންނަ އެއްޗެއް މި ވިޝަން ޑޮކިއުމަންޓަކީ. ބައްލަވާލައްވާ. އަޅުގަނޑު އެދެނީ ހުރިހާ ލޮބުވެތި ރައްޔިތުން ވެސް މި ކަންކަމުގައި ހަގީގަތް ބައްލަވައިގެން އަޅުގަނޑުމެންގެ މި ދެފުށް ފެންނަ ދެގޮތެއް ނުވެ އަބަދުވެސް އެންމެ ފުރަތަމަ އިއުލާންކުރި ގޮތަށް މިއަދާ ހަމައަށް މި އައި ހާރިޖީ ސިޔާސަތުގައި މި ހުރި ކަންކަން އަމިއްލަފުޅަށް ދެނެވަޑައިގަތުމަށް،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ދަތުރުފުޅުން ނަމަވެސް، ރައީސްގެ ސިޔާސަތު ބަދަލެއް ނުވެއެވެ. އެގޮތުން އެމަނިކުފާނުގެ ސިޔާސަތަކީ އަބަދު ވެސް ފުރަތަ ދިވެހި ގައުމު ކަމުގައި ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!