މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ އާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަަށެވެ. އަދި ވޭތުވެދިޔަ 4 ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ސަަރަހައްދަށް އާއްމުވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާ ކަަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން ވިލާގަނޑުގައި އެންމެ ވައިގަދަވިކަމަށް ރެކޯޑް ކުރެެވުނީ ބ. ދަރަވަންދޫ އާއި ހުޅުލެއަށެވެ. އެއީ ރޭ 23:10 ހާއިރު ގަޑިއަކު 55 މޭލު ބާރުމިނަށް، އަދި ހުޅުލެއަަށް މިއަދު 5:40ގައި ގަޑިއަކު 58 މޭލަށް އަދި 10:46 ހާއިރު 61 މޭލު ބާރުމިނުގައެވެ. އަދި މި މުއްދަތުގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ފުވައްމުލަށް ސީޓީއަށެވެ. އެއީ 120 މިލިމީޓަރުގެ ވާރޭ އެވެ.
މެޓް އޮފީހުން ބުނެފައިވަނީ މޫސުން ކުރިއަށް ލަފާ ކުރާގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ހޯމަ ދުވަހާއި ހަމައަށް އާއްމު ވައި ގަދަކޮށް ހިފަހައްްޓާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން އުުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރޭޖްކޮށް ގަޑިއަކު 15 މޭލާއި 20 މޭލާއި ދެމެދު ވައިޖެހި ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަަމަށްވެސް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި އެވްރޭޖްކޮށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި ބައެއް އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނެފައިވަނީ ވިލާގަނޑުގައި ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވެ ރާއްޖޭގެ ބަޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަމަަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އާއްމުކޮށް އުދައަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.