ރައީސްގެ އަމުރަށް އަދުރޭ ދިރިއުޅޭ ގޭގެ މުވައްޒަފުންގެ ތަފުސީލު ހާމަކުރަން ފާސްކޮށްފި
ދެންމެ | 15 އޮކްޓޯބަރ 2024

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަކުރަން މަޖިލީހުގެ ސަލަމާތާއި ހިދުމަތްތަކާ ބެހޭ 241 ކޮމެޓީން ފާސްކޮށްފި އެވެ.

241 ކޮމިޓީން މިއަދު ހެނދުނު ބޭއްވި ސިއްރު ބައްދަލުވުމުގައި ނިންމީ މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަނުކުރުމަށެވެ. ނަމަވެސް އެ މައްސަލައާ މެދު އަލުން ގޮތެއް ނިންމަން ރައީސް މުހައްމަދު މުއިއްޒު އެންގެވުމުން މިއަދު ހަވީރު 4 ޖަހާއިރަށް އެ ކޮމެޓީގެ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.

އެ ކޮމެޓީގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ މުރައިދޫ ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަނަަވަރާއި އަދަދާއި އަދި އެކަމަށް ހޭދަވާ އަދަދު ހާމަކުރުމަށެވެ.

ފަލާހުގެ ހުށަހެޅުން ފާސްކުރީ ކޮމެޓީގައި ބައިވެރިވި މެންބަރުންގެ ތެރެއިން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ފިޔަވާ އެހެން ހުރިހާ މެންބަރުންގެ ވޯޓު ދެއްވައިގެންނެވެ. އެ މައްސަލައިގައި ކުރިން ނިންމި ނިންމުން ބާތިލުކުރަން ވެސް ފާސްކުރި އެވެ.

އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެޑައިގެންނެވީ އެ ގެ މަރާމާތުކުރުމަށް ފަހު މި އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ.

އެ ގޭގެ ވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފަކަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ އާދަމް ހަލީމް) ހަމަޖައްސާފައިވާއިރު، ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ހަމަޖައްސާފައިވަނީ ރާއްޖެ ތާރީހު ދުށް އެންމެ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭނާއަކީ އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލްގެ ގާތް އެކުވެރިއެކެވެ.

މަޖިލީހުގެ ރައީސް ހުންނަވަން ހާއްސަ ގެއެއް ދައުލަތުން ކަނޑައަޅާ ގޮތަށް ހަމަޖެއްސީ މަޖިލީހުގެ ރައީސްއަކަށް ހުންނަވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 9 މޭ 2021ގައި ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!