މުރައިދޫގޭގެ މުވައްޒަފުންނަށް ދައުލަތުން ހަރަދު ކުރުން ގާނޫނާއި ހިލާފް، ހުއްޓުވަން ޖެހޭ: ޔާމީން
ދެންމެ | 15 އޮކްޓޯބަރ 2024

ރައްޔިތުންގެ މަޖިލިސް ރައީސް ދިރިއުޅުއްވާ މ. މުރައިދޫގެ މުވައްޒަފުންނަށް ދައުލަތުން ހަރަދު ނުކުރެވޭނެ ކަމަށާއި އެއީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަމިއްލައަށް ކުރައްވަން ޖެހިވަޑައިގަންނަވާ ހަރަދުތަކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން އެހެން ވިދާޅުވެފައިވާ އިރު، މުރައިދޫގޭގައި ތިބި މުވައްޒަފުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް އެކި ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގައި އެދެމުންދާތީ އެކަމަށް ގޮތެއް ނިންމައިދިނުމަށް އެދި މަޖިލީހުގެ އިދާރާއިން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

މިއަދު އެކަމާ ގުޅޭގޮތުން ކޮމިޓީން ދެ ބައްދަލުވުމެއް ބޭއްވިއެވެ. މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި އެ މައުލޫމާތު ހާމަނުކޮށް ސިއްކުރަން ފާސްކުރި ނަމަވެސް، އެ ނިންމުން ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވުމާއެކީ، މިއަދު ހަވީރު އަލުން ކޮމިޓީ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުން ނިންމީ މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އަބްދުއްރަހީމް ދިރިއުޅުއްވަން ގެއަށް ދިނުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެތަނަކީ އޮފީހެއް ނޫން ކަމަށެވެ.

”އެތަނަށް ލައްވާ ހާދިމުން، އަބްދުއްރަހީމްގެ ކަންތައްތައް ބަލަން ލައްވާ ހާދިމުންނަށް އަބްދުއްރަހީމް ހަރަދުކުރަން ޖެހޭނީ. އެއީކީ ދައުލަތުގެ ބަޖެޓުން ހަރަދުކުރެވޭނެ ކަމެއް ނޫން. ގާނޫނަކު ލިޔެވިފައެއް ނޯންނާނެ، އެކަމަކު އެއީ ގުޑް ގަވަނަންސް. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދިރިއުޅުމުގެ ތަނެއްގެ ހަރަދު ބަލަހައްޓާނީ، އެއްވެސް ތަނެއްގައި ލިޔެވެފައެއް ނޯންނާނެ، މަޖިލީހުގެ ގަވާއިދަކު ވެސް ނޯންނާނެ ލިޔެފައެއް މަޖިލީހުންނޭ ނުވަތަ ދައުލަތުންނޭ،“ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލިސް ރައީސްކަމުގެ މަގާމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވި އިރު، ނަޝީދަށް ގެއެއް ދޭން ޖެހުނީ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށް ވެފައި، ހައި ސެކިއުރިޓީ ބޭފުޅަކަށް ވާތީ ކަމަށާއި އަބްދުއްރަހީމްއަކީ އެފަދަ ބޭފުޅެއް ނޫން ކަމަށެވެ.

”ރައީސް ނަޝީދަކީ ހައި ރިސްކް އޮތް ބޭފުޅެއް، ހައި ރިސްކް އޮންނަނީ ވެސް ރައީސް ނަޝީދަށް މަޑުން ނުހުރެވޭތީ. ދައްކާ ވާހަކައިގެ ގޮތުން ހައި ރިސްކް ވަނީ. އެހެންވީމާ އެތަނަށް ހުރިހާ މުވައްޒަފުން ލައްވައިގެން ކުރުވާ ކަންތައް އެއީ ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ޖެހޭނެ ކަމެއް ނޫން،“ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުމަކީ ރައީސް މުއިއްޒު ކުރެއްވި ކަމެއް ކަމަށާއި އެކަން ކުރެއްވީ އަބްދުއްރަހީމް ޖެނީވާއަށް ފުރާވަޑައިގެންނެވުމުން ކަމަށެވެ. އަދި އެކަަމުން ވެސް އެނގިގެންދަނީ ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ފެކްޝަންތަކެއް ޕީއެންސީގެ ތެރޭގައި އުފެދިފައިވާކަން ކަމަށް ޔާމީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!