އެމްޑީޕީ މެމްބަރ މަޢުރޫފު، ސަރުކާރާއި ރައީސަށް ތަޢުރީފް އޮއްސާލައިފި ”ރައްޔިތުން ތިބީ އުފަލުން ހެވިދިލިފައި، މެދުއުޑުގައި ފިޔަޖަހާނެ.“
ދެންމެ | 16 އޮކްޓޯބަރ 2024

އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މަޢުރޫފް ޒާކިރު، ސަރުކާރުގެ ސިޔާސަތުތަކަށް ތަޢުރީފް ކުރައްވައި، އެކަން ކަމަށް ވަކާލާތު ކުރައްވައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙް ތަކަށް ބަހުސް ކުރައްވަމުން މަޢުރޫފް ވިދާޅުވީ، ޓީޖީއެސްޓީއާއި، ފަތުރުވެރިކަމާއި ގުޅޭ އެހެން ޓެކްސް ބޮޑު ކުރުމާއި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އަޅަންވާނީ ސްޓޭކްހޯޑަރުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި މީގެ ކުރިންވެސް އޭނާ އެކަން ފާހަގަކުރެއްވި ކަމަށާ، ޓެކްސް ބޮޑުކުރާ ބިލުތަކާމެދު ހިތްހަމަ ނުޖެހުނީ ސްޓޭކްހޯޑަރުންވެސް އޭރު ނުރުހުން ފާޅުކުރުމުންކަމަށެވެ.

އެހެން ނަމަވެސް އަޅުގަނޑަށް މިއަދު ޔަގީންވޭ، ޕީއެންސީ މެންބަރުން، ބަދަލެއް މިގެންނަނީ އިންޑަސްޓްރީއާއި މަޝްވަރާ ކުރުމަށްފަހު، އިންޑަސްޓްރީގެ ރުހުމާއެކީގައި ކަން. ޓޫރިޒަމް އިންޑަސްޓްރީގެ ރުހުމާއެކީގައި ގެންނަ މިފަދަ ދެން އަޅުގަނޑު ދައްކާނެ ވާހަކައެއް ނެތް. އިންޑަސްޓްރީ ތިބީ ރުހި ގަބޫލު ވެފައި. މިގެންނަ ކޮންމެ ބަދަލަކީ އިންޑަސްޓްރީއާއި މަޝްވަރާކުރެވި، ހެޔޮ ބަދަލުތައް ކަމުގައިވާނަމަ، އަޅުގަނޑުމެން މިތަނުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މި ބިލް ތަކަށް ފާޑުކިޔައި ވާހަކަ ދައްކާނެ ކަމެއް ނެތް.

ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މަޢުރޫފް ޒާކިރު

 

”ސަރުކާރުން މި ގެންނަ ބަދަލުތަކަށް، އިންތިހާއަށް ޓޫރިޒަމް އިންޑަސްޓްރީގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން އެބަ މަރުހަބާ ކިޔާ. މި ބަދަލުތަކާއެކު އިރާދަލުރެއްވިއްޔާ ދިވެހިރާއްޖެ އައު އުސްމިންތަކަކަށް ގޮސް، ދިވެހިން ބޭނުންވާ ތަރައްގީ، އަންނަ އަހަރު ނިމެންވާއިރަށް ލިބޭނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން“ މައުރޫފް ވިދާޅުވިއެވެ.

މިއާއެކު މަޢުރޫފް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަބާދު ކުރެވި، ބަންކަރިންގ ގެ ޚިދުމަތް ފަށައި، ޑޮލަރުގެ މައްސަލަ ހައްލުކޮށް، ”މި އަހަރު އެއްކޮށް މި ދުއްވާލަނީ ގާނޫނުތައް ބަދަލުކޮށްގެން ދައުލަތުގެ އާއްދަނީ އިންތިހާއަށް އިތުރު ކުރަން“ ކަމަށެވެ.

އެހެން ކަމުން، ”ރައްޔިތުން ތިބީ އުފަލުން ހެވިދިލިފައި“ ކަމަށާ، ރަށްރަށުން ވެރިކަންކުރާ ޕީއެންސީއަށް ވަންނަ މެންބަރުން އިންތިހާއަށް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ވުމާއެކު ސަރުކާރުން ހުށަހަޅަމުންދާ ބިލުތަކާމެދު އޭނާގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް މައުރޫފް ވިދާޅުވިއެވެ.

”ކުރިއަށް ވަޑައިގަންނަވަންވީ، ބޮޑު ސުޕަމެޖޯރިޓީގައި މި ބަދަލުތައް ގެނެސް މި އަންނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުން މެދުއުޑުގައި ފިޔަޖަހާ ހިސާބަށް އަޅުގަނޑުމެން ގެންދަންވީ. އަޅުގަނޑަކަށް މިއަދަކު މިހާރަކު ޝައްކެއްނެތް މި ބަދަލުތަކާ ދޭތެރޭގައި.“

ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މަޢުރޫފް ޒާކިރު

 

މައުރޫފް ވީދަޅުވީ، ސަރުކާރުގެ ބިލު ތަކަށް ތާއީދު ކުރެވޭތޯ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށާ، އަދި އޭނާއަށް ވީ މިންވަރަކުން އެ ބިލުތައް ޕްރޮމޯޓްކޮށް އެ ގެންނަ ހެޔޮ ބަދަލުތަކާމެދު ރައްޔިތުންނަށް ވިސްނައިދެއްވައި ބިލުތަކަށް ވަކާލާތު ކޮށްދެއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!