އިސްރާއީލް ޕާސްޕޯޓާއި ވައިއެޅޭނެ ހިތްވަރު ވެސް މަޖިލީސް ރައީސްގައި ނެތް: ޔާމީން
ދެންމެ | 22 އޮކްޓޯބަރ 2024

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އިސްރާއީލް ޕާސްޕޯޓް މަނާކުރުން އަވަސްކުރަން ގޮވާލާ ކުއްލި މައްސަލަ ބަލައިގަތުމުގެ ހިތްވަރު މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމްގެ ނެތްކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓުގެ މައްސަލަ ލަސްވާތީ ކުއްލި މައްސަލައެއް ހުށަހެޅީ ވެސް އެމްޑީޕީން ކަމަށާއި ޕީއެންސީގައި އެކަން ކުރެވޭނެ ހިތްވަރު ނެތްކަމަށެވެ. އަދި ޚާއްޞަކޮށް އެމްޑީޕީން އެފަދަ މައްސަލައެއް ހުށަހެޅީމަ އެ މައްސަލަ ބަލައިގަތުމުގެ ހިތްވަރު މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމްގެ ވެސް ނެތްކަމަށެވެ.

ޔާމީންގެ ވާހަކަފުޅުގައި ވަނީ، މިފަހުން ބަންޑާރަ ނާއިބު އަޙްމަދު އުޝާމް މި މައްސަލާގައި ދެއްކެވި ވާހަކައަށް ވެސް ފާޑު ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ، އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލައަކީ މަޖިލީހުގައި އޮތް މައްސަލައެއްކަމަށްވާތީ އެކަމާ ސަރުކާރުން ނުބެހޭނެކަމަށް ބުނާ ވާހަކައަކީ އެއްވެސް މީހަކު ގަބޫލުކުރާނެ ވާހަކައެއް ނޫންކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާއަށް ލާންވީ ކަންކަމުގައި ޕްރެޝަރ ކުރަނީ ސަރުކާރުން ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޔާމީން މިހެން ވިދާޅުވިއިރު އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމަށް ގޮވާލާ މަޖިލީހަށް މެންބަރު މީކާއިލް ހުށަހަޅުއްވާފައިވާ ބިލް ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގައި ދިރާސާކުރުމުގެ މަރުހަލާގައި އޮންނަތާ މިހާރު ވަނީ 100 އަށްވުރެ ގިނަ ދުވަސް ވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!