ޑްރޯންގެ ބޭނުން ސާފް ކުރަން ގައްސާން މަޖިލީހަށް ގެންދަން ނިންމައިފި
ދެންމެ | 22 އޮކްޓޯބަރ 2024

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދިލައްވައިފިއެވެ.

މީކާއިލް މިގޮތައް އެދިލެއްވީ ތުރުކީއިން ބޮޑު އަގުގައި ގަތް ޑްރޯންތައް ބޭނުންކުރޭތޯ ސާފުކުރުމަށެވެ.

މީކާއިލް ހުށަހެޅުއްވި ނޯޓިސްގައި ވަނީ 570 މިލިއަން ރުފިޔާއާ ގާތްކުރާ އަގެއްގައި އެމްއެންޑީއެފްގެ އެއާ ކޯގެ ހިދުމަތަށް ގެނައި ޑްރޯން ބޭނުން ކުރަން ފަށާފައިވޭތޯ އާއި މިހާތަނަށް ޑްރޯން ބޭނުން ކުރެވިފައި ވަނީ ކޮން ބޭނުމެއްގައިކަން ސާފުކޮށްދިނުމަށް އެދިފައެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން އެމްއެންޑީއެފްއިން ޑްރޯންތަކުގެ ބޭނުން ހިފާފައިވަނީ އެންމެ ފަހަރެކެވެ. އެއީ މ. ރަތްމަންދޫ ބޭރުން ގެއްލުނު ދޯންޏެއް ހޯދުމަށް ކުރި މަސައްކަތުގައެވެ. އޭގެ ފަހުން ހިނގި އެފަދަ ހާދިސާތަކުގައި ޑްރޯން ބޭނުން ކޮށްފައެއް ނުވެއެވެ.

ޑްރޯން ބޭނުން ނުކުރާ ސަބަބު ހޯދަން އެކި ފަހަރު އެހުމުން ވެސް ސިފައިންގެއިން ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަމިއްލަ ބާރު ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!