ދިރުވާލައިގެން 1.4 ކިލޯގެ ކޮކެއިން ރާއްޖެ އެތެރެކުރި މީހަކު 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ގާނާގެ ރައްޔިތެއްކަމަށްވާ އައްޕިއަހް ޖޭމްސްގެ މައްޗަށެވެ.
އެ މައްސަލައަކީ 12 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 7:52 އެހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ގަތަރު އެއާލައިންއަކުން ރާއްޖެއައި އައްޕިއަހްގެ ހަށިގަނޑު ކަސްޓަމްސްއިން ސްކޭންކުރި އިރު އޭނާގެ ހަށިގަނޑުގައި ކެވިޓީސްތަކެއް ހުރިކަމަން ފާހަގަވެގެން އިތުރަށް ޔަގީންކުރަން އައިޖީއެމްއެޗަށް ގެންދިޔަ މައްސަލައެކެވެ.
އައިޖީއެމްއެޗުން ހެދި ސްކޭން ރިޕޯޓުން އައިޕިއަހްގެ ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރި ކަމަށް ދައްކާތީ އެ ތަކެއްޗަކީ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވިގެން އޭނާ ހައްޔަރުކުރި އެވެ.
ހުކުމުގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި އައްޕިއަހް ހުރިއިރު އެކި ފަހަރު މަތިން ބޮޑުކަމުދިޔަ ތަކެތިން 108 ބްލެޓްގައި ފެނިފައިވާއިރު އޭގައި ޖުމްލަ 1.4 ކިލޯ ހުރި ކަމަށާއި އެއީ ކޮކެއިންކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.
އެހެންކަމުން އޭނާގެ މައްޗަށް މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާ އުފުލި އެވެ. އަދި ދައުވާއަށް ޖަވާބުދާރީވާ ދިން ފުރުސަތުގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ.
އެއާއެކު އައްޕިއަހް ޕީޖީއާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 12 އަހަރާއި 6 މަހަށް ޖަލަށްލުމާއި 100,000 ރުފިޔާ ޖޫރިމަނާކުރުމެވެ.
އެގޮތަށް ނިންމާ, މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ހުކުމުގައި ވަނީ ޖޫރިމަނާގެ ފައިސާ އަންގާރަ ދުވަހުން ފެށިގެން 1 އަހަރު ތެރޭގައި މީރާއަށް ދައްކާ ހަލާސްކުރަން އަމުރުކޮށްފަ އެވެ.
އެ މައްސަލާގެ ތަހުގީގުގައި އައްޕިއަހް ހޭދަކުރި 4 މަހާއި 10 ދުވަސް އުނިކޮށް އޭނާ ތަންފީޒުކުރަން ޖެހޭ އަދަބަކީ 12 އަހަރާއި 1 މަހާއި 20 ދުވަސް ކަމަށް ހުކުމުގައި ބުނެ އެވެ.