ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި، ކުރީ ސަރުކާރުން އެކުންފުންޏަށް ދޭން ނުޖެހޭ ފައިސާ ދީފައިވާ ކަމަށާއި އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުމާގުޅޭ ހާއްސަ އޮޑިޓް ރިޕޯޓެއް ހެދުމަށް މިސަރުކާރުގެ އެޓާނީ ޖެނެރަލް އޮފީހުން އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވަނީ 2024 އޮގަސްޓް 26 ވަނަ ދުވަހު އެވެ. ދީބާޖާއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު 2010 ވަނަ އަހަރު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެ މައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި ސިވިލް ކޯޓުން އަލުން ބެއްލެވުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކޮށް ޝަރީއަތުގެ މަރުހަލާ ފަށާފައިވަނިކޮށް ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ގޮތުން ދީބާޖާއާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ދެމެދު ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ 13 އޮގަސްޓް 2023 ގައެވެ.
ސަރުކާރާއި ދީބާޖާއާއި ދެމެދު ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ދީބާޖާއަށް ދޭންޖެހޭ ފައިސާގެ އަދަދަކީ 64 މިލިއަން ރުފިޔާ އެވެ. އަދި އެފައިސާގެ ތެރެއިން 12.8 މިލިއަން ރުފިޔާ 19 ސެޕްޓެންބަރު 2023 ގައި ދީބާޖާއަށް ދީފައިވާކަމަށާއި ބާކީ 51.2 މިލިއަން ރުފިޔާ އެއްބަސްވުމުގައި ސޮއި ކުރާތާ 30 ދުވަހުގެ ތެރޭގައި ދީބާޖާއަށް ދައްކައި ހަލާސްކުރަންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ. 64 މިލިއަންގެ ބަދަލެއް ދީބާޖާއަށް ދޭން ނިންމާފައިވަނީ ކުރީ ސަރުކާރުގައި ރައީސް އޮފީހުން އުފައްދާފައިވާ ”މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިީޓީން“ އެގޮތަށް ނިންމާ އިކޮނޮމިކް ކައުންސިލުން އެގޮތަށް ފާސްކުރުމުންނެވެ.
މި މައްސަލައިގެ އޮޓިޑް ރިޕޯޓް 24 އޮކްޓޫބަރުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާއިރު އެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ބަދަލުގެ ގޮތުގައި 64 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވަނީ އެއްބަސްވުން ދެމި އޮތް މުއްދަތުގެ ތެރޭގައި އެ ކުންފުނިން ކޮށްފައިވާ ހަރަދުތަކާއި ވަޔަފާރީގެ މާލީ ހިސާބުތަކަށާއި ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބުނު އެހެނިހެން މަންފާތަކުގެ އަގުތަކަށް ރިއާޔަތް ނުކޮށް ކަމަށެވެ.
އެގޮތުން ކެޕިޓަލް އިންވެސްޓްމެންޓްގެ ގޮތުގައި 14.7 މިލިއަން ނަގައިދިނުމަށް ކަނޑައެޅިއިރު އޭގެތެރެއިން 11.9 މިލިއަން ރުފިޔާއަކީ ދީބާޖާއާއި އަމިއްލަ އެހެން ކުންފުންޏަކާ ދެމެދު ފެރީ އުޅަނދުތައް ބަނުމަށް ހަދާފައިވާ އެއްބަސްވުމެއްގެ ޖުމުލަ އަގުކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ކެޕިޓަލް އިންވެސްޓްމެންޓްގެ އަގުގެ ގޮތުގައި ރާއްޖެއިން ބޭރުން ގެނެސްފައިވާ ތަކެތީގެ އަގަށް 2.7 މިލިއަން ރުފިޔާ ނަގައިދިނުމަށް ކަނޑައެޅިއިރު އެތަކެއްޗާމެދު އަމަލުކުރިގޮތެއް ނުވަތަ އެތަކެތި ވިއްކައިގެން ދީބާޖާއިން އެއްވެސް މާލީ މަންފާއެއް ހޯދާފައިވޭތޯ ރިއާޔަތް ކޮށްފައި ނުވާކަންވެސް ފާހަގަ ކޮށްފައިވެ އެވެ. އަދި އެއްބަސްވުން ދެމިއޮތް 3 އަހަރުގެ ތެރޭގައި ހިދުމަތް ފޯރުކޮށްދީގެން ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލަށް 49.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އެ 3 އަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަަދަދުތަކަކަށް ބިނާކޮށް ކަމަށާއި އެ އަދަދު ކަނޑައެޅުމުގައި ހިނގާފައިވާ އަސްލު ހަރަދަށް ބިނާކޮށް އެ ކުންފުންޏަށް ލިބުނު މާލީ ގެއްލުމުގެ އަަދަދަށް ރިއާޔަތްކޮށްފައި ނުވާކަންވެސް ފާހަގަ ކޮށްފައިވެ އެވެ.
މީގެއިތުރުން ދީބާޖާއަށް އެންމެ ގިނަވެގެންވެސް ލިބޭނެ ގެއްލުމުގެ އަގަކީ ގާތްގަނޑަކަށް 48 މިލިއަން ރުފިޔާގެ ގެއްލުން ކަމަށާއިރު އެ އަގަކީ، ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ދަތުރުފަތުރުގެ ހިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން، ދީބާޖާއަށް ދޫކުރި ރ. ކުޑަކުރަތު، ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ސަބްލީސް އެގްރިމެންޓްގެ ދަށުން 65.5 މިލިއަން ރުފިޔާއަށް ދީބާޖާއިން ވިއްކާލުމުން ލިބުނު މާލީ މަންފާއާއި އަޅާބަލާއިރު ކުޑަ ގެއްލުމެއް ކަމަށާއި އެ ކުންފުންޏަށް ލިބުނު ގެއްލުމަށްވުރެ އިތުރު މަންފާއެއް އެ ރަށް ވިއްކާލުމުން ލިބިފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
އެހެންކަމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 64 މިލިއަން ރުފިޔާގެ މާލީ ބަދަލެއް ދިނުމަށް ކަނޑައެޅުމަކީ އިތުރު މާލީ މަންފާތަކެއް އެ ކުންފުންޏަށް ހޯދައިދިނުން ހިމެނޭ، ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިގެންދާ ކަމެއްކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރ. ކުޑަކުރަތުގެ ލީސް ރައިޓްސް ވިއްކާލުމުން ލިބުނު ގެއްލުމަށްވުރެ ބޮޑު މާލީ މަންފާއެއް ދީބާޖާއަށް ލިބިފައިވާތީ ދައުލަތުން އިތުރު މާލީ ބަދަލެއް އެ ކުންފުންޏަށް ނަގައިދޭންޖެހޭނެ ކަމަށް ނުދެކޭ ކަމަށްވެސް ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ ދީބާޖާއަށް ދީފައިވާ ފައިސާ އަނބުރާ ހޯދުމަށާއި އެ ކުންފުންޏަށް ދޭންނުޖެހޭ ފައިސާ ދިނުމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ތަހުގީގު ކުރަންޖެހޭ ކަމަށް ބުނެފަ އެވެ.