ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ހަމަޖައްސަވާ ސިޔާސީ މަގާމެއްގައި ހުންނަވައިގެން، ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމުގައި ހައި ކޯޓުން ޙުކުމްކޮށްފިއެވެ.
ހައި ކޯޓުން އެފަދައިން ޙުކުމް ކުރީ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގި މައްސަލައެއްގައި ދިފާޢީ ވަކީލަކަށް ވަޑައިގެންނެވި ވަކީލު، ދައުލަތުގެ މަގާމެއްގައި ހުރުމުން އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން އިޖުރާއީ އިއުތިރާޟެއް ހުށަހަޅި މައްސަލައެކެވެ. އެ އިޖުރާއީ އިއުތިރާޟް ޕީޖީން ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އެ އިއުތިރާޟާ މެދު ހައި ކޯޓުން ޙުކުމެއް ނެރުނީ އިއްޔެއެވެ. އެގޮތުން އެ މައްސަލައިގައި ދިފާޢީ ވަކީލަކަށް ވަޑައިގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ނައިބު ވަޒީރުގެ މަގާމުގައި ހުންނެވި މުޙައްމަދު ރާޢިބް އަޙްމަދު އެވެ. އެގޮތުން އެ މައްސަލައިގައި ދައުލަތް ތަމްސީލުކުރި ޕީޖީން ނެގި އިޖުރާއީ އިއުތިރާޟަކީ ދައުލަތުގެ އެފަދަ މަޤާމެއް ފުރަމުންދާ ފަރާތެއް ދައުލަތާ ދެކޮޅަށް އެފަދަ މައްސަލައެއްގައި ކޯޓުގައި ވަކާލާތުކުރުމަކީ މަސްލަހަތު ފުށުއެރުމެއް ކަމަށްބުނެ ހުށަހެޅި އިއުތިރާޟެކެވެ.
އެ މައްސަލައިގައި ވަކީލު ރާޢިބް ކޯޓުގައި ބުނީ ޕީޖީގެ އޮފީހަކީ ދައުލަތުގެ މުއައްސަސާއެއް ކަމަށާއި، އެއާ ޚިލާފަށް ދައުލަތަކީ އެޓާނީ ޖެނެރަލްގެ އޮފީސް ކަމަށެވެ. އަދި ޖިނާއީ ދައުވާއެއް ރައްދުވާ ފަރާތަކީ ކުށެއް ނެތް މައުސޫމް ފަރާތަކަށް ވެސް ވެދާނެ ކަމަށާއި، އެހެންކަމުން ގާނޫނީ ވަކީލު ހުންނަ މަގާމެއްގެ ސަބަބުން އެފަދަ ފަރާތަކަށް ކޯޓުގައި ވަކާލާތުކުރުން މަނާނުކުރެވޭނެ ކަމަށެވެ.
އެ މައްސަލައިގައި ޝަރީއަތުން ކުރި ޙުކުމް މައިގަނޑު ގޮތެއްގައި ބިނާކުރީ 2021 ވަނަ އަހަރު ފާސްކުރި ޤާނޫނީ ފަންނުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ސުލޫކީ ގަވާއިދާއި، 2014 ވަނަ އަހަރު ސުޕްރީމު ކޯޓުން ކުރި ޙުކުމުގެ މައްޗަށެވެ. އެގޮތުން ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގެ ދަށުން ވަކީލުން ކޮށްގެން ނުވާނެ ކަންތައްތައް ޝަރީއަތުން ފާހަގަކޮށްފައިވާއިރު، އޭގެ ތެރެއިން މައިގަނޑު ގޮތެއްގައި ފާހަގަކުރީ ޤާނޫނީ ވަކީލުންގެ ސުލޫކާއި ސުލޫކީ ޝަކުވާގެ ބާބުގެ މައްޗަށެވެ.
އަދި 2014 ވަނަ އަހަރު ސުޕްރީމު ކޯޓުން ކުރި ޢަދުނާނު ޙުސައިން އާއި ޕްރޮސިކިއުޓަ ޖެނެރަލް އޮފީސްގެ ޙުކުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ޙުކުމް ބިނާކުރީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެގޮތުން އޭރު އެ ޙުކުމް ކުރިއިރު ގާނޫނީ ނައްސެއް ނުވަތަ ގާނޫނީ އުސޫލެއް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިނުވި ނަމަވެސް، އޭގެ ފަހުން ވުޖޫދަށް އައި ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ވަކީލުން ކޮށްގެން ނުވާނެ ކަންކަން ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ވަކީލުގެ މަޞްލަޙަތާ މުވައްކިލުގެ މަޞްލަޙަތާ ފުށުއަރާފާނެ ފަދަ އެއްވެސް ކަމެއް ނުވަތަ އެއް މުވައްކިލެއްގެ މަޞްލަޙަތު އަނެއް މުވައްކިލެއްގެ މަޞްލަޙަތާ ތަޢާރުޟުވާނެ ފަދަ ކަމެއް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމުގައި ޝަރީއަތުން ފަހާގަކޮށްފައިވެއެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓު
މީގެ އިތުރުން، އެ މައްސަލައިގައި ޕީޖީން ވަނީ އޭޖީގެ ރައުޔަކަށް ވެސް އެދި، އޭޖީގެ ރައުޔު ވެސް ޝަރީއަތަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި އޭޖީން ވެސް ހުށަހެޅީ ދައުލަތުން މުސާރަ ދޭ މަޤާމުތަކުގައި ދެމިތި ބިހާ ހިނދަކު، ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެ ފަރާތެއްގެ ވަކީލުކަމުގެ އަމިއްލަ މަސްލަހަތާއި ދައުލަތުގެ މަސްލަހަތާ ފުށުއަރާ ހާލަތެއް ކަމަށެވެ.
އެ ހުރިހާ ކަމަަކަށް ރިއާޔަތްކުރުމަށް ފަހު ޝަރީއަތުން ޙުކުމް އިއްވީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް ޢައުލަބިއްޔަތުންނެވެ. އެގޮތުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޙުސައިން މަޒީދުގެ އިތުރުން، ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު މުޙައްމަދު ސަލީމް އެވެ.