އޭނާ އެހެން ވިދާޅުވީ، ނޫސްވެރިކަމުގެ ދާއިރާ އިން މިދިޔަ އަހަރު ފާހަގަކުރެވުނު ހިދުމަތްތަކެއް ކޮށްދިން ނޫސްވެރިންނަށް އެވޯޑް ދިނުމާ ބޭއްވި ހަފުލާއާ ގުޅުވައިގެން އެމްއެމްސީގެ މެމްބަރު އަލީ ނިޝާން ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި ނެރުއްވި ބަޔާނެއްގަ އެވެ.
އެމްއެމްސީގެ ރައީސްގެ ހައިސިއްޔަތުން މުސްތަފާ ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެ އެވޯޑު ހަފުލާގެ ކުރިން އިނާމު ލިބޭ މީހުންނާއި ނޮމިނޭޓްވި މީހުންގެ މައުލޫމާތު އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މުސްތަފާ ވިދާޅުވީ، ކައުންސިލްގެ ރައީސްގެ ސީދާ ބައިވެރިވުމެއް ނެތި ނޫސްވެރިކަމުގެ އެވޯޑާ ގުޅޭ ކަންކަން ކުރުމަކީ އެމްއެމްސީ އުފެދުނީއްސުރެ އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، މި ފަހަރުގެ އެވޯޑުތަކުގެ ނޮމިނޭޝަންތަކާއި އެއާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ސީދާ ނިޝާން އަދި އިނާމު ކޮމިޓީގެ ނައިބު މުގައްރިރުގެ ބެެއްލެވުމުގެ ދަށުން ކަމަށް މުސްތަފާ ވިދާޅުވި އެވެ. އެވޯޑަށް ނޮމިނޭޓްވި މީހުންގެ ކޮންޓެންޓު އެޑިޓް ކުރުމާއި އެ އަށް ބޭނުންވާ ގްރެފިކްސް ވެސް ހަދާފައިވަނީ ނިޝާންގެ ބެއްލެވުމުގެ ދަށުން ކަމަށް އެމްއެމްސީގެ ރައީސް ވިދާޅުވި އެވެ.
”މިގޮތަށް ނިންމާފައިވަނީ ކައުންސިލްގެ ޖަލްސާއެއްގަ އެވެ. މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލްގެ މެމްބަރަކަށް އަދި ރައީސްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބިފައި ނުވެ އެވެ،“ މުސްތަފާ ވިދާޅުވި އެވެ.
ނިޝާން އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެވޯޑަށް ކުރިމަތިލި މީހުންގެ ނަތީޖާއަކީ ވަކި ބައެއްގެ ބެލުމުގެ ދަށުގައި ހުރި އެއްޗަކަށް ވިއަސް، އެމްއެމްސީގެ ރައީސް މުސްތަފާ ކަމާ ގުޅޭ މީހުންގެ ހުއްދަ ނެތި އެ މައުލޫމާތުތައް ބެއްލެވި ކަމަށެވެ.
އެހެންކަމުން ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން މެމްބަަރު އަލީ ނިޝާން އަޅުގަނޑަށް ކޮށްފައިވާ ދޮގު އިލްޒާމަކީ ރާވައިގެން ހިންގާފައިވާ ކަމެއްކަމާއި މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،“— މުސްތަފާ
އެވޯޑު ޖަލްސާ މި ފަހަރު ބޮޑު މައްސަލަގަނޑަކަށް ވީ، ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނު ”އަދަދު“ އޮންލައިންގެ ”ސްކީލާން“ ޑޮކިއުމެންޓްރީ ޕީއެސްއެމުން ލައިވްކޮށް ދެއްކުމުންނެވެ.
އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ސްކީލާން އެ މަނިކުފާނަށް ބޮޑެތި ތުހުމަތެއް ކުރައްވާފައިވާ ޑޮކިއުމަންޓްރީއެކެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ނެރުނު އެ ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ރައީސްގެ ފަރާތްޕުޅުން އޭރު ވެސް ވަނީ ދޮގު ކުރައްވައިފަ އެވެ.
އެ މައްސަލާގައި ޓީވީއެމް/ޕީއެސްއެމްގައި މަސައްކަތްކުރައްވާތާ 30 އަހަރުވެފައިވާ މުސްތަފާ ވަޒީފާއިން ވެސް އިއްޔެ ވަކިކުރި އެވެ. އެކަމަކު، އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ޕީއެސްއެމް ބޯޑަށް މިއަދު ހުށަހެޅުމުން ވަނީ، ޕީއެސްއެމްގެ ނިއުސް އޮފަރޭޝަންސްގެ މަގާމު ވަނީ އިޔާދަކޮށްދީފަ އެވެ.
އެމްއެމްސީގެ ރައީސްގެ ހައިސިއްޔަތުން މުސްފަތަފާ ބަޔާން ނެރުއްވީ ޕީއެސްއެމްގެ ވަޒީފާ އިޔާދަކުރިކަން އެ ކުންފުނިން އިއުލާން ކުރި ފަހުންނެވެ.
މުސްތަފާ ވިދާޅުވީ އެވޯޑް ހަފުލާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި ނޫސްވެރިކަމުގެ އާއްމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ދައްކާފައިވާއިރު، އަދަދުގެ ވީޑިއޯއަކީ ނޫސްވެރިކަމުގެ އާއްމު މިންގަނޑުތަކާ ހިލާފު އެއްޗެއްކަން އެ ޑޮކިއުމެންޓްރީ ނެރުނު ދުވަސްވަރު ވެސް ނެރުނު ބަޔާނެއްގައި ބުނެފައިވާނެ ކަމަށެވެ.
ނަމަވެސް، އެމްއެމްސީން އެގޮތަށް ނިންމާފައިވަނިކޮށް، އެވޯޑު ހަފުލާގައި ހަމަ އެ ކޮންޓެންޓް، ކައުންސިލަށް ވެސް އަދި ރަސްމިއްޔާތު ލައިވްކުރި ޕީއެސްއެމަށް ނޭނގި ގަސްދުގައި ދެއްކުމުގައި އެވޯޑުގެ ކަންކަން އިންތިޒާމްކުރި ކައުންސިލް މެމްބަރުންގެ ޒިންމާ އެބައޮތް ކަމަށް މުސްތަފާ ވިދާޅުވި އެވެ.
”އެހެންކަމުން ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން މެމްބަަރު އަލީ ނިޝާން އަޅުގަނޑަށް ކޮށްފައިވާ ދޮގު އިލްޒާމަކީ ރާވައިގެން ހިންގާފައިވާ ކަމެއްކަމާއި މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.“ ބަޔާނުގައި ވެ އެވެ.