މިއަދު އަޅުގަނޑު ބަލާލަން ގަސްދުކުރަނީ ކީރިތި ގުރުޢާންނާއި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީޘްބަސްފުޅުތަކުން އެނގެންހުރި ސުވަރުވަންތަ ވެރިންގެ ސިފަތަކާއި ބެހޭގޮތުން. ނުވަތަ ސުވަރުގެ ވަންތަ ވެރިންގެ ސިފަތަކާއި ބެހޭގޮތުން ކީރިތި ޤުރުއާންއާއި އަދި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުން އެނގެންހުރި ބައެއް ވާހަކަތައް ތިބޭފުޅުންނަށް ހިއްސާކޮށްލަދޭނަން.
އާދެ.! އެންމެ ފުރުތަމަ ކީރިތި ޤުރުޢާންގެ ދަލީލްތަކަށް ބަލާލާއިރުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާންގެ ސޫރަތުލް މުޢުމިނޫންގެ އެއްވަނަ އާޔަތުން ފެށިގެންގޮސް އެގާރާވަނަ އާޔަތުގެ ނިޔަލަށް ވަހީކުރައްވާފައިވަނީ ”ހަމަކަށަވަރުން މުޢުމިނުންނަށް ފަލާހާއި ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ.“
ދެން އެއަށްފަހު އެމުޢުމިނުންގެ ސިފަތަކަކީ ކޮބައިކަން ބަޔާންކުރައްވަމުން ވަހީކުރައްވަނީ ”އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދުގައި ބިރުވެތިވެ ﷲ އަށް ބިރުވެތިކަމާއެކުގައި ނަމާދު ޤާއިމްކުރާ މީހުންނޭ. އަދި ބޭކާރު ވާހަކަތައް ދެއްކުމުން އެއްކިބާވެގެންތިބޭ މީހުންނޭ. އަދި ޒަކާތް އޭގެ އަހުލުވެރިންނަށް އަދާކޮށްދޭ މީހުންނޭ. އަދި އެބައިމީހުންގެ ފަރުޖުތައް ރައްކާތެރިކުރާ މީހުންނޭ. އެބައިމީހުންގެ އަނބިންނަށް ނުވަތަ އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް އެފަދަ މީހުންނަށް ފިޔަވައި އެހެން އެއްވެސް ގޮތަކުން އެބައިމީހުންގެ ފަރުޖުތައް ރައްކާތެރިކޮށްގެން ތިބޭ މީހުންނޭ. އަނބިންނާ ނުވަތަ އަޅުންނާއެކުގައި އެފަދަކަމެއް ކުރުމަކުން އެއީ އެމީހުންނަށް މަލާމާތްކަން ލިބިގެންވާ ބައެއްނޫނޭ.
މިނޫން އެހެން ގޮތަކަށް މިކަންތައްތައް ކުރަން ދިމާކޮށްފިމީހާ އެމީހަކު އެވަނީ ހައްދުފަހަނައަޅާ ގޮސްފައޭ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ އިންތަކުން ބޭރުވެފައޭ. އަދި އެބައިމީހުންނަކީ އެބައިމީހުންނަށް ޙަވާލުކުރެވޭ އަމާނާތްތަކަށް އަދި އެބައިމީހުންވާ އަހުދުތަކަށް ރައްކާތެރިވާ މީހުންނޭ. އަދި އެބައިމީހުންނަކީ އެބައިމީހުންގެ މައްޗަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ފަރުޟުކުރައްވާފައިވާ ނަމާދުތަކަށް ފުރިހަމައަށް ރައްކާތެރިވާ މީހުންނޭ. މިބައިމީހުން، އެސިފަތައް ބަޔާންކުރައްވަމުން މުއުމިނުންގެ ސިފަތައް ބަޔާންކުރައްވައި އެސިފަތައް ލިބިގެންވާ މީހުން އެބައިމީހުންނަކީ އެއީ ވާރުތަކުރާ މީހުންނޭ. ކޮން އެއްޗެއް ވާރުތަކުރާ މީހުންނެއްތޯ؟ ފިރުދައުސް، ސުވަރުގޭގެ އެންމެ މަތީ ދަރަޖަތައް ވާރުތަކުރާ މީހުންނޭ އެމީހުންނަކީ. އެބައިމީހުން އެފިރުދައުސްއޭ ކިޔުނު ސުވަރުގޭގެ ގަނޑުވަރުތަކުގައި އެބައިމީހުން ދާއިމަށް ދެމިތިބޭނެއޭ.
އާދެ! ކޮންފަދަ ބޮޑު ނިޢުމަތެއްތޯ. ވީމާ މިސުވަރުގެ ހާސިލްކުރުމަށްޓަކައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރަންވީ.
ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅުތަކަށް ބަލާއިރު އެކަލޭގެފާނުގެ ފަރާތްޕުޅުން އަބޫހުރައިރާ ރަޞިއަﷲ ތަޢާލާ އަންހު ރިވާކުރެއްވި ހަދީޘްއެއްގައި އާދޭ ”ޢިލްމު ހޯދުމަށްޓަކައި މީހަކު މަގެއް އިޚްތިޔާރުކޮށްފިކަމުގައިވަނީނަމަ ޢިލްމު ހޯދުމަށް މަސައްކަތްކުރާކަމުގައި ވަނީނަމަ އެކަމުގެެ ސަބަބުން ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާއަށް ސުވަރުގެއަށް ވާސިލްވުމަށްޓަކައި މަގު ފަސޭހަކޮށްދެއްވާނެ ކަމަށް!“
–ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން