ރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ދިވެހި ސިފައިން ތިބީ ގުރުބާން ވާން ތައްޔާރަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ހިލްމީ ވިދާޅުވީ ތިނެއް ނޮވެމްބަރު 1988 ވަނަ ދުވަހު ޝަހީދު ހުސެއިން އާދަމް ދެއްކި އަޒުމާއި ހިތްވަރަކީ ގައުމު ދިފާއުކުރުމުގައި ކޮންމެ ސިފައިންގެ މީހެއްގެ ވެސް އަޒުމާއި ހިތްވަރު ކަމަށެވެ.
ދިވެހި ސިފައިން ތިބީ ގައުމުގެ މިނިވަންކަން ދިފާއުކުރުމުގައި ސާބިތުވެ ކަމަށާއި ސިފައިން ކޮށްފައިވާ ހުވަޔާއި އެއްގޮތަށް ސާބިތުކަންމަތީ ތިބިކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވާ ކަމަށް ހިލްމީ ވިދާޅުވި އެވެ.
”ދިވެހި ރައްޔިތުންނަށް މި އަރުވާ ޔަގީންކަމަކީ، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައި އަޅުގަނޑުމެން ދިވެހި ސިފައިން މިތިބީ ފުރާނައިން ގުރުބާން ވާން ވެސް ތައްޔާރަށްކަން،“ ހިލްމީ ވިދާޅުވި އެވެ.
ހިލްމީ ވިދާޅުވީ މިއަދު އެންމެ އުފާވާ ކަމަކީ ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ މި ގައުމުދެކެ ލޯބިވެވަޑައިގަންނަވާ، ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް އަސްކަރިއްޔާ އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވެވަޑައިގަންނަވާ ބޭފުޅަކަށް ވުން ކަމަށެވެ. އަދި މި ސަރުކާރުގެ ފުރަތަމަ އަހަރުގައި ވެސް އަސްކަރިއްޔާ ތަރައްގީކުރުމުގައި ނަތީޖާތަކެއް ހާސިލް ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ނަސްރުގެ ދުވަސް މީގެ ކުރީން ފާހަގަކުރަމުން އައީ ހަމައެކަނި ސިފައިންގެ ލެވެލްގައި ކަމަށާއި އެދުވަހަށް ދޭންޖެހޭ ސަމާލުކަން އެންމެ ރަނަގަޅަށް އެންމެ އެދެވޭ ގޮތަށް ނުދެވި އޮތް ނަމަވެސް މި ސަރުކާރުން ނަސްރުގެ ދުވަސް ވީހާވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.