ރާއްޖެއާ ތުރުކީވިލާތާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. ތުރުކީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސަރު ޑރ. އޯމާ ބޮލަޓްއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ލުއިތައް ހޯދައިދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ގުޅުން ވަރުގަދަވެގެންދާނެކަމަށެވެ.
އެގޮތުން ރާއްޖޭ އާއި ތުރުކީވިލާތާއި ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމާއި ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓުގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީގެ އުފެދުންތައް އަގު ހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
“ ދިވެހި ރާއްޖޭއާއި ތުރުކީވިލާތާ ދެމެދު އިގްތިސާދީ ގޮތުން ގާތް ގުޅުމެއް މިހާރު ދަނީ ގާއިމްކުރެވުމުން. މި އެއްބަސްވުމުގެ ސަބަބުން މި ގުޅުން ިއތުރަށް ހަރުދަނާކުރެވި ކުރިޔަށް އޮތްތާގައި ވިޔަފާރި އަދި އިގްތިސާދީ ދާއިރާއިން މަސައްކަތްތައް އިތުރުކުރެވި އާ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެކަނަށް ފާހަގަކުރަން.“ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެއެެ.
ތުރުކީއާ ރާއްޖެއާއި ދެމެދު ސޮއިކުރި މި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުިއއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަޖަބު ތައްޔުބް އުރުދުގާނާ އާ ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރި މަޝްވަރާތަކުގެ ތެރޭގައި ހިނެނޭކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.