ޗައިނާއިން ސީއެޗްއެސްއީއަށް އޭސީ ހަދިޔާ ކޮށްފި
ދެންމެ | 06 ނޮވެމްބަރ 2024

ޗައިނާއިން ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ) އޭސީތަކެއް ހަދިޔާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޗައިނާއިން މި އޭސީތައް ހަދިޔާކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއު ”ކޫލް ސްކޫލް“ ޕްރޮގްރާމަށްކަމަށެވެ.

މި އޭސީތައް ހަވާލުކުރުމަށް މިއަދު ވަނީ މާލޭގައި ހުންނަ ސީއެޗްއެސްއީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި އޭސީތައް ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިންއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އޭސީތަކާއި ހަވާލުވެޑައިގަތީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

ޗައިނާ ސަރުކާރުން އޭސީތަކެއް ހަދިޔާކުރި ނަމަވެސް ހަދިޔާކުރީ ކިތައް އޭސީކަމެއް އެޑިއުކޭޝަން މިނިސްޓްރީއަކުން ނުބުނެއެވެ. އެ މިނިސްޓްރީން ބުނީ މި އޭސީތައް ހަރުކުރާނީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގައިކަމަށެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރާނެކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިއަހަރުގެ މޭ މަހުގެ 13 ވަނަދުވަހުއެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކުކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާނީ ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ޚހަރަދެއްގައިކަންވެސް ވަޒީރު އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން އިއުލާންކުރި “ ކޫލް ސްކޫލް“ މަޝްރޫއު މާލެ އަތޮޅު މާފުށީ ސްކޫލުން ފެށީ މިއަހަރުގެ ޖޫންމަހުގެ 2 ވަނަދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!