ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި
ދެންމެ | 14 ނޮވެމްބަރ 2024
މ. ދިއްގަރު ޞިއްޙީ މަރުކަޒުގައި ޤާއިމުކުރި ގައިންގަޔަށް ނާރާ ބަލިތަކުގެ ހާއްސަ ކްލިނިކް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ. މި ކްލިނިކް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކްލިނިކް ބައްލަވާލައްވައި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ކްލިނިކް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިއްގަރު ޞިއްޙީ މަރުކަޒުގެ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، ދިއްގަރު ޞިއްޙީ މަރުކަޒުގެ ފަރާތުންނާއި އަދި ދިއްގަރު ކައުންސިލް އިދާރާގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަދިޔާއެއް ވެދުމަށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މ. ދިއްގަރަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު މެންދުރުފަހު މ. ދިއްގަރު ސްކޫލުގައި ބާއްވާ ހަކުރުބަލީގެ ދުވަހުގެ ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވާނެއެވެ.

ދިއްގަރު ޞިއްޙީ މަރުކަޒުގެ އޮފިޝަލްއެއް މެންދުރު ޓީވީ އަށް ވިދާޅުވީ، މިކްލިނިކުން ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާތީ ދުރާލާ އެކަން ދެނެގަނެ ފަރުވާ ދެމުންދާނެ ކަމަށެވެ. އެގޮތުން ރަށުގައި ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުން ފަދަ ބަލިތައް އިތުރުވަމުން އަންނައިރު މިކަމުގެ ސަބަބުން ރައްޔިތުންނަށް އެތައްގޮތަކުން ފަސޭހަވެގެން ދާނެކަމަށެވެ. މި ކްލިނިކުން ގައިންގަޔަށް ނާރާ ބަލިތައް ދެނެގަނެ އެފަދަ ބަލިތައް ޖެހިފައި ތިބި މީހުންގެ ހާލަތު ދެނެގަތުމާއި އެފަދަ ބަލިތަކަށް ޓެސްޓްތައް ހެދުމާއި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!