ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް ޑރ. މުއިއްޒަށް ދޭން ނިންމައިފި
ދެންމެ | 24 ނޮވެމްބަރ 2024

ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީ އެއް ނުބާއްވާނެ ކަމަށާއި, އެ އަހަރު ވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެގެންދާނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގައި ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެންނެވި ބޭފުޅަކު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާނަމަ، ޕްރައިމަރީ އަކާ ނުލާ އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންކަމުން، މި ގަވާއިދުގެ ދަށުން ބަލާ ނަމަ ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

”އަސާސީ ގަވާއިދު ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންވާ ބޭފުޅަކު އެ މަގާމުގައި ހުންނަވައި ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވަންޏާ ރިޔާސީ ޕްރައިމަރީ އަކާއި ނުލައި އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް، އެހެންވެ އެއީ ޕްރައިމަރީ ބާއްވަން ޖެހޭ ކަމެއް ނޫން،“

އަބްދުއްރަހީމް ވިދާޅުވިއެވެ.

 

އަބްދުއްރަހީމް މިފަދައިން ވިދާޅުވިއިރު، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ފަސް ބޭފުޅަކު ރިޔާސީ އިންތިހާބުގައި ބައިވެރިވާން ޝައުގުވެރިވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ.

މިއާއިއެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު އިއުލާން ކުރައްވާފައިވާއިރު، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމްވެސް ވަނީ 2028 ގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!