މިސްކިތްތަކަށް ގެއްލުން ދޭ މައްސަލަ ބަލައި ނުގަންނަކަމަށާއި، ރޭ ފުރުޤާން މިސްކިތަށް ގެއްލުންދިން މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރޭ ފަތިހު، ފުރުޤާން މިސްކިތަށް މީހަކު ވަދެ، މިސްކިތުގައި ހުރި މުސްޙަފްތަކާއި މިސްކިތުގައި ހުރި އެކި ވަސީލަތްތަކަށް ގެއްލުންދިން މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފުރުގާން މިސްކިތުގައި ބަހައްޓާފައި ހުރި ހަތިމުތައް އުކާލައި ގެއްލުންދީފައިވާ މައްސަލައިގައި ސެއިޚް އާދަމް ނިޝާމް އަލީ އާދަމް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ މިސްކިތަށް ގެއްލުންދީ، ޚަތިމުތައް އުކާލާފައިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ހިމަނާފައެވެ.
އެ ޕޯސްޓްގައި ސައިޚް ވިދާޅުވެފައި ވަނީ މިއަދުގެ ފަތިސް ނަމާދު ކުރިން ވަނީ ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައި އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައި ކަމަށެވެ.
“މިކަން ކޮށްފައިވަނީ މިމިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެކެވެ. މީގެ ކުރިން އެތައް ފަހަރަކުވެސް މީނާ ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް މިމިސްކިތުގައި ކޮށްފައެވެ.މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯއެވެ؟އަދި ކީރިތި ޤުރްއާނަށާއި، الله ގެ ގެކޮޅުގެ ޙުރުމަތް ކަނޑައިގެން އެތައް ފަހަރަކު މީނާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރެވިފައިވާ އިރު މިކަމަށް އެޅޭނެ ފިޔަވަޅެއް މިދައުލަތުގައި ނެތީހެއްޔެވެ؟“ ސައިޚް ވިދާޅުވެފަވެއެވެ.