ކޮންމެކަމަކީ ސިޔާސީ ކުޅިވަރަކަށް ނުހެއްދެވުމަށާއި ޤާނޫނީ އިމުގެތެރޭގައި ޚިޔާލުފާޅު ކުރެވޭނެ ކަމަށް ވިދާޅުވެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލަށް މިއަދު ރައްދު ދެއްވައިފިއެވެ.
ވަޒީރު އިޙްސާން މިއަދު ފައްޔާޒަށް ރައްދު ދެއްވާފައި މިވަނީ ޓްވީޓެއް ކުރުމުން އެމްޑީޕީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓް ޙުސައިން ޝާފިޢު އަށް ފުލުހުން ޗިޓެއް ފޮނުވި މައްސަލާގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ހިތްހަމަ ނުޖެހުން ފާޅުކުރެއްވުމާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން އިޙްސާން ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓް ޝާފިޢުގެ ޕޯސްޓުގައި ލިޔެފައި އޮތީ “މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި” ކަމަށެވެ. އެހެންކަމުން އެޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާތީ އެކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށް އިޙްސާން ވިދާޅުވެފައިވެއެވެ.
“މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޚިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ؟” ފައްޔާޒަށް ރައްދު ދެއްވަމުން އިޙްސާން ވިދާޅުވެފައިވެއެވެ.
“ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް.” އިޙްސާން ވިދާޅުވެފައިވެއެވެ.