ޑރ. ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ވަޒީރު ކަމުން އިސްތިއުފާ ދެއްވައިފި
ދެންމެ | 01 ޑިސެމްބަރ 2024

ޑރ. ޢާއިޝަތު ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

ރައިސް އޮފީހުން ބުނެފައިވަނީ ޑރ. ރަމީލާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ވަނީ އެކަން ބަލައިގަނެފައިކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ޑރ. ރަމީލާ އަލާސްކަންފުޅުގައި އުޅުއްވަމުންވެސް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މިނިސްޓަރ ގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް އެމަނިކުފާނަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ޑރ. ރަމީލާގެ ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ރައީސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ޑރ. ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތްތާނގައިވެސް ޑރ. ރަމީލާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ. ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަޤުބަލެއް މިންވަރުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!