ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ރާއްޖޭގައި އަހަރަކު 172 މީހުން މަރުވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންފަތުގެ ނުރައްކާތެރިކަމާ ބެހޭ ޕްރެޒެންޓޭޝަނެއް ހިއްސާކުރިއެވެ.
ޕްރެޒެންޓޭޝަނުގެ މަޢުލޫމާތު ހިއްސާކުރަމުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މުޖުތަމަޢުގައި ނުރައްކާތެރި ބަލިތައް އިތުރުވަމުންދާ ކަމަށާއި، މި ބަލިތަކަކީ ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމާއެކު އެހެނިހެން ރިސްކް ފެކްޓަރތަކުން ރައްކާތެރިވެވިދާނެ ބަލިތަކެއް ކަމަށެވެ.
އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ޞިއްޙީ މައްސަލަތައް ދިމާވުމާއި، ނުކުޅެދުންތެރިކަން ހުންނަ ދަރީން ލިބުމާއި، މަރުވުމުގެ މައިގަނޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ ދުމުގެ އަސަރު ކޮށްގެންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރަކު 172 މީހުން މަރުވަނީ ދުންފަތުގެ ސަބަބުންނެވެ.
އެންމެ ފަހުގެ ސަރވޭގެ ނަތީޖާތަކަށް ރިޢާޔަތްކޮށް އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ނުވަތަ ކޮންމެވެސް ގޮތަކަށް ދުންފަތް ބޭނުންކުރާ މީހެއް ކަމަށެވެ. އޮފިޝަލް އިތުރަށް ވިދާޅުވީ 15 އަހަރާއި 29 އަހަރާ ދެމެދުގެ 20.1 އިންސައްތަ މީހުންނާއި، 30 އަހަރާއި 44 އަހަރާ ދެމެދުގެ 29.0 އިންސައްތަ މީހުންނާއި، 45 އަހަރާއި 65 އަހަރާ ދެމެދުގެ 23.4 އިންސައްތަ މީހުން ދުންފަތް ބޭނުންކުރާ ކަމަށެވެ.
2019 ވަނަ އަހަރު ރާއްޖޭގައި ކުރެވުނު ގްލޯބަލް ޔޫތު ޓޮބެކޯ ސަރވޭގެ ނަތީޖާތަކަށް އަލިއަޅުވާލަމުން އޮފިޝަލް ވިދާޅުވީ ސަރވޭގައި ބައިވެރިވި ކުދިންގެ ތެރެއިން 45.7 އިންސައްތަ ކުދިން ކޮންމެވެސް އިރެއްގައި ކޮންމެވެސް ބާވަތެއްގެ ދުންފަތް ބޭނުންކޮށްފައިވާ ކަމަށެވެ. މިއީ 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނެވެ.
އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި 45.7 އިންސައް45.7 އިންސައްތައިގެ ތެރެއިން 17.1 އިންސައްތަ ކުދިން އީ-ސިގިރެޓް ބޭނުންކުރާ ކަމަށާއި، 3.1 އިންސައްތަ ކުދިން ޝީޝާ ބޭނުންކުރާ ކަމަށެވެ.