ފީފާ ވޯލްޑް ކަޕް 2034 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު ސައޫދީ އަރަބިއްޔާ އަށް ދޭން ފީފާ އިން ނިންމައިފި އެވެ.
މީގެ އިތުރުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިނާއި، ޕޯޗުގަލް، އަދި މޮރޮކޯ ގުޅިގެން ބާއްވަން ފީފާ އިން ވަނީ ފުރުސަތު ދީފަ އެވެ. އެއީ ފީފާ އިން ވޯލްޑް ބާއްވާތާ ގަރުނެއް ފުރޭ އަހަރު ކަމުން އެކަން ފާހަގަކުރަން، އުރުގުއޭ އާއި އާޖެންޓީނާ އަދި ޕެރެގުއޭގައި ވެސް އެ ވޯލްޑް ކަޕުގެ މެޗުތަކެއް ކުޅޭނެ އެވެ.
މި ނިންމުންތައް ނިންމާފައިވަނީ ފީފާ އިން މިއަދު ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ.
މީގެ 10 އަހަރު ފަހުން 2034 ގައި އޮންނަ ވޯލްޑް ކަޕް ބާއްވަން ފީފާ އިން ފުރުސަތު ދީފައި އޮތީ އޭޝިއާ އާއި އޯޝެނިއާގެ ގައުމުތަކަށެވެ. އެ ފުރުސަތު ހޯދުމަށް ކުރިމަތިލީ އޮސްޓްރޭލިއާ އިން ބިޑު އަނބުރާ ގެންދިއުމުން ސައޫދީ އަށް ކުރިން ވެސް އޮތީ ނުރަސްމީކޮށް ބިޑު ކާމިޔާބުވެފަ އެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައޫދީ ވެގެންދާނީ ވޯލްޑް ކަޕް ބާއްވާ އަރަބި ތިން ވަނަ ގައުމަށެވެ. ފުރަތަމަ ގައުމަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވި ގަތަރެވެ. އަދި ސައޫދީ ވެގެންދާނީ ވޯލްޑް ކަޕް ބާއްވާ އިސްލާމީ ދުނިޔޭގެ ތިން ވަނަ ގައުމަށެވެ. ގަތަރުން ފުރަތަމަ ހޯދި އެ ޝަރަފް ދެ ވަނަ އަށް ހޯދާނީ 2030 ގެ މުބާރާތުގެ އެއް ހޯސްޓް މޮރޮކޯ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސައޫދީގައި ބާއްވާ ވޯލްޑް ކަޕް 2035 ގެ ޖެނުއަރީ އަށް ވެސް ފަސްކޮށްފާނެ އެވެ. އެއީ ނޮވެމްބަރު/ ޑިސެމްބަރު މަސް ރޯދަމަހާ ދިމާވާތީ އެވެ. އާއްމުކޮށް ވޯލްޑް ކަޕް ބާއްވާ ޖޫން/ ޖުލައި އަކީ ސައޫދީގެ ހޫނުމޫސުން ކަމުން އެ ދުވަސްވަރު އެ ގައުމުގައި ވޯލްޑް ކަޕް ނުބޭއްވޭނެ އެވެ. މެދުއިރުމަތީގައި މީގެ ކުރިން ބޭއްވި ވޯލްޑް ކަޕް ގަތަރުގައި ކުރިއަށް ގެންދިޔައީ ވެސް ނޮވެމްބަރު/ ޑިސެމްބަރު ގަ އެވެ.
ސައޫދީގެ ބިޑު ފޮތުގައިވާ ގޮތުން މުބާރާތް ބާއްވާނީ ފަސް ސިޓީއެއްގަ އެވެ. އެއީ ވެރިރަށް ރިޔާދް، ޖިއްދާ، އަލް ޚޮބަރް، އަބްހާ، އަދި ނައޫމް އެވެ. މުބާރާތް ކުރިއަށް ގެންދާނީ 15 ސްޓޭޑިއަމެއްގައި ކަމަށް ވެސް އޭގައި ވެ އެވެ. އޭގެ ތެރެއިން 11 ސްޓޭޑިއަމަކީ މުޅިން އަލަށް ބިނާކުރާ ތަންތަނެވެ. ބެލެވޭ ގޮތުގައި ހުޅުވާ މެޗާއި، ފައިނަލް މެޗު އޮންނާނީ ރިޔާދުގައި ހުންނަ ކިންގް ސަލްމާން ސްޓޭޑިއަމުގަ އެވެ.
ސައުދީން އަންނަނީ އެ ގައުމު ދުނިޔެ އަށް ހުޅުވާލުމަށާއި، ތެލަށް ބަރޯސާވެފައިވާ އިގްތިސާދު ސިންދަފާތުކުރުމަށް މަސައްކަތްކުރަމުން ކަމުން ވޯލްޑް ކަޕް ވެގެންދާނީ އެކަމަށް ލިބޭ މުހިއްމު ފުރުސަތަކަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މުބާރާތަށް ސައުދީން ހާހެއްހާ ސްޕޮންސާ މިހާރު ވެސް ވަނީ ހޯދައިފަ އެވެ.
ސައުދީ އަކީ ފުޓްބޯޅައިގައި ވަރުގަދަ ގައުމަކަށް ނުވީ ނަމަވެސް، އެ ގައުމުގެ ލީގު އަންނަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭހެން ދުނިޔޭގެ މަޝްހޫރު ތަރިން ބޮޑު އަގުގައި ގެނެސް ސައޫދީ ލީގު މިހާރު ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފަ އެވެ.